10 Apr 2016, 11:10
ސްޕެނިޝް ލީގްގައި ރޭ ރެއާލް މެޑްރިޑް 4-0ގެ ނަތީޖާ އަކުން އެއިބާ އަތުން މޮޅުވިއިރު އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑެއް ހަދައިފި އެވެ.
އެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު 32 މެޗުން ޖުމްލަ 72 ޕޮއިންޓް ލިބިގެން ރެއާލް އޮތީ ތާވަލުގެ ތިން ވަނާގައެވެ. ރެއާލް އަށް ވުރެން އެއް ޕޮއިންޓް އިތުރަށް ލިބިގެން އެތުލެޓިކޯ މެޑްރިޑް ތާވަލުގެ ދެވަނާގައި އޮތް އިރު ބާސެލޯނާ އެއްވަނާގައި އޮތީ 76 ޕޮއިންޓާ އެކު އެވެ. ރެއާލް އަތުން ބަލިވި އެއިބާ ވަނީ 38 ޕޮއިންޓާއި އެކު ތާވަލުގެ ދިހަ ވަނައަށް ވެއްޓިފަ އެވެ.
ރެއާލްގެ ސެންޓިއާގޯ ބާނަބިއުގައި ކުޅުނު އެ މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އެއިބާގެ ފަރާތުން ފެނިގެން ދިޔައީ ޑިފެންސިވް ކުޅުމެކެވެ. އެ މެޗުގައި ރެއާލް އިން ކާމިޔާބު ކުރި ފުރަތަމަ ގޯލު މެޗުގެ ފަސް ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ޖޭމްސް ރޮޑްރިގޭޒް އެވެ.
ރެއާލްގެ ދެ ވަނަ ގޯލު ރޮނާލްޑޯގެ އެހީތެރިކާމާ އެކު މެޗުގެ 18 ވަނަ މިނެޓުގައި ލޫކަސް ވަސްކުއޭޒް ކާމިޔާބު ކުރި އިރު އޭގެ މިނެޓެއް ފަހުން ޖެސީ ރޮޑްރިގޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ ގޯލެއް ކާމިޔާބުކޮށް ލަލީގާގައި ޖެހިޖެހިގެން ހަ ސީޒަނުގައި 30 ލަނޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިއާއަށް ވެގެން ގޮސްފަ އެވެ. ފުރަތަމަ ހާފް ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ޖެސީ އެވެ.
ދެވަނަ ހާފުގައި ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލުން ތަނަވަސްކުރި ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވެ އެވެ.
ރޭގެ އެ މޮޅާ އެކު ރެއާލް އިން ވަނީ ލީގާ މެދު އުންމީދު ބޮޑުކޮށްފަ އެވެ. އެ މެޗަށް ފަހު ރެއާލް ދެން ނުކުންނާނީ ޖަރުމަނުގެ ވުލްފުސްބާގާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު މެޗަށެވެ. އަމިއްލަ ދަނޑުގައި އަންނަ ބުދަ ދުވަހު ކުޅޭ އެ މެޗުން ތިން ގޯލުގެ ތަފާތުން ރެއާލް މޮޅުވެގެންނޫން ގޮތަކަށް އެ ޓީމަކަށް ސެމީ ފައިނަލަކަށް ނުދެވޭނެ އެވެ. އެއީ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗުން 2-0އިން ބަލިވެފައިވާތީ އެވެ.