10 Apr 2016, 11:16
އިޓަލިއަން ސެރީއާގައި ފަހަތުން އަރައި އޭސީ މިލާން އަތުން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
އޭސީ މިލާންގެ ދަނޑުގައި ކުޅުނު އެ މެޗުން ޔުވެންޓަސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ލީގުގެ އެއް ވަނާގައި ޔުވެންޓަސްއިން ވަނީ ފަރަގު ބޮޑުކޮށްފަ އެވެ. ކުޅުނު 32 މެޗުން ޔުވެންޓަސްއަށް 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނާގައި އޮތް ނަޕޯލީއަށް 31 މެޗުން ލިބިފައި ވަނީ 67 ޕޮއިންޓެވެ. އޭސީ މިލާން އޮތީ 32 މެޗުން ލިބުނު 49 ޕޮއިންޓާއެކު ސެރީއާގެ ހަ ވަނައިގައެވެ.

އިޓާލިއަން ސެރީއާގައި ޔުވެންޓަސް ކޮޅަށް ލަނޑުޖެހުމަށްފަހު މިލާނުގެ ކުޅުންތެރިންނާއެކު އެލެކްސް އުފާފާޅުކުރަނީ: އެ މެޗުން ޔުވެންޓަސް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ: އޭޕީ
މެޗުގެ 13 ވަނަ މިނެޓުގައި މިލާނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެެއް ލިބިގެންދިޔަ އެވެ. މިލާނަށް 25 ޔާޑު ދުރުން ލިބުނު ހިލޭ ޖެހުމަކުން މާރިއޯ ބަލޮޓެއްލީ ފޮނުވާލި ހަމަލާ، ޔުވެންޓަސް ގޯލުގެ ތިރީ ކަނަށް އަމާޒު ވާން ދަނިކޮށް، ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ އެ ހަމަލާ މަތަކޮށްފަ އެވެ.
މެޗުގެ 18 ވަނަ މިނެޓުގައި މިލާނުން ވަނީ ލަނޑެއް ޖަހައި، ލީޑު ނަގައިފަ އެވެ. މާރިއޯ ބަލޮޓެއްލީ ނަގައިދިން ރީތި ހުރަހަކުން މިލާނަށް ލީޑު ހޯދައިދިނީ ބްރެޒިލް ޑިފެންޑަރު އެލެކްސް އެވެ.
މިލާނުން ލީޑު ނެގިތާ ނުވަ މިނެޓު ފަހުން ޔުވެންޓަސްއިން ވަނީ ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަލްވާރޯ މޮރާޓާ ދިން ބޯޅައަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކްރޮއޭޝިއާ ފޯވަޑް މާރިއޯ މަންޒޫކިޗް އެވެ. މިލާނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަންޒޫކިޗް އުފެއްދި ހަމަލާ އަމާޒުވީ ޔުވެންޓަސް ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް، ޔުވެންޓަސްއިން މިލާނުގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރި އެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. އޭނާގެ އެ ހަމަލާ އަމާޒުވީ މިލާނު ގޯލުގެ ދަނޑިއަށެވެ.

އިޓާލިއަން ސެރީއާގައި ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްދިނުމަށްފަހު، މަންޒޫކިޗް އުފާފާޅުކުރަނީ: މިލާން އަތުން ޔުވެންޓަސް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ: އޭޕީ
ޔުވެންޓަސްއިން ވަނީ މެޗުގެ 65 ވަނަ މިނެޓުގައި ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. ކްލައުޑިއޯ މާކީސިއޯ ނަގައިދިން ހުރަހަކުން މިލާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕޮގްބާ އެވެ. މާކީސިއޯ ނަގައިދިން ހުރަސް، ވަރަށް ރީތިކޮށް މެއިން ކޮންޓްރޯލްކޮށްލުމަށްފަހު، ޕޮގްބާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ސެރީއާގައި ރޭ ރަށުން ބޭރުގައި ފްރޮސިނޯންއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން ވަނީ 1-0 ލަނޑުން މޮޅުވެފަ އެވެ. މެޗުގައި އިންޓައިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ 74 ވަނަ މިނެޓުގައި ޖަހައިދިނީ މައުރިއޯ އިކާޑީ އެވެ.