މެނީލާ (އޭޕްރިލް 10): ފިލިޕީންސުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އަބޫ ސައްޔާފުން އެގައުމުގެ އަސްކަރިއްޔާ އަށް ނިސްބަތްވާ 18 ސިފައިން މަރާލައި 50 ސިފައިން ޒަހަމްކޮށްލައިފި އެވެ.

ފިލިޕީންސްގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ އަބޫ ސައްޔާފުން އަސްކަރިއްޔާގެ ޔުނިޓަކަށް ކުއްލި ހަމަލާއެއް ދިނީ އެޖަމާއަތުގެ ކޮމާންޑަރެއް ކަމަށްވާ އިސްނިލޮން ޓޮޓޯނީ ހަޕިލަން އަށް އަމާޒުކޮށް ހަމަލާއެއް ދޭން އެޔުނިޓުން ދިޔަ މަގުމަތީގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ގްރޫޕުން ދިޔައީ އެޖަމާއަތަށް ހަމަލާއެއް ދޭން. ދިޔަ މަގުމަތީގައި އަޅުގަނޑުމެންގެ ޔުނިޓަށް ކުއްލި ހަމަލާއެއް ދިނީ. އެމީހުން ތިބީ އުސް ސަރަހައްދެއްގައި ކަމުން އަޅުގަނޑުމެންގެ ސިފައިން ކޮންމެ ތަނެއްގައި ފިލި ކަމުގައި ވިޔަސް، ދުޝްމަނުންނަށް ބަޑިންނާއި ގޮވާ ތަކެތިން ހަމަލާ ދެވުނު،" އެއޮޕަރޭޝަން ކުރިއަށް ގެންދިޔަ ޔުނިޓުގެ ތަރުޖަމާނު، ކާނަލް ބެނެޑިކްޓް މެންކުއިކުއި ވިދާޅުވި އެވެ.

ފިލިޕީންސުގެ އަސްކަރިއްޔާ އިން ކޮމާންޑަރު ހަޕިލަންއަށް ހަމަލާދޭން ނިންމީ އޭނާ އައިއެސް އަށް ވާގިވެރިވާ ކަން ހާމަ ކުރުމުންނެވެ. އެމެރިކާ ސަރުކާރުން ވަނީ ހަޕިލަން ހައްޔަރު ކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސް މިލިއަން ޑޮލަރުގެ އިނާޔަތެއް ދޭނެ ކަމަށް ބުނެފަ އެވެ.

އަސްކަރިއްޔާގެ ސަރަހައްދީ ތަރުޖަމާނެއް ކަމަށްވާ، މޭޖާ ފައިލްމޮން ޓަން ވިދާޅުވީ ސަރުކާރުގެ ފައުޖުތަކުން އަބޫ ސައްޔާފަށް ހަމަލާ ދޭން ނިންމީ އެޖަމާއަތުން ގިނަ އަދަދެއްގެ ބިދޭސީން ވަގަށް ނެގުމާ ގުޅިގެން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އަބޫ ސައްޔާފުން ވަނީ އެޖަމާއަތުން ހަ މަސް ވަންދެން ހައްޔަރުކޮށްފައި ހުރި ނަސާރާ ދީނުގެ ފާދިރީއަކު ދޫކޮށްލައިފަ އެވެ. ނަމަވެސް، އެޖަމާއަތުން ވަގަށް ނަގާފައިވާ އިތުރު 18 ބިދޭސީން އަދިވެސް ތިބީ އެޖަމާއަތުގެ ބެލުމުގެ ދަށުގަ އެވެ.

އަލް ގައިދާގެ މާލީ އެހީގައި އަބޫ ސައްޔާފު ވުޖޫދަށް އައީ 1990އިގެ އަހަރުތަކުގަ އެވެ. (ބީބީސީ)