10 Apr 2016, 10:44
ކެރެލާ (އޭޕްރިލް 10): އިންޑިއާގެ ކެރެލާ ސްޓޭޓުގެ ޕަރާވުރުގައި ހުރި ފައްޅިއެއްގައި މިއަދު ރޯވެ، 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ފައްޅީގައި އަލިފާން ރޯވީ ހިންދޫ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ރައްކާކޮށްފައި ހުރި ބަޑިބޭހުގައި ރޯވެ، ބަޑިބޭސް ގޮވުމުގެ ސަބަބުންނެވެ. ގިނަ މީހުން މަރުވީ އެގޮވުމުގެ ސަބަބުން ފައްޅީގެ ތެރޭގައި ހުރި އިމާރާތެއް ވެއްޓުމުގެ ސަބަބުންނެވެ.
ގޮވުމުގެ ބާރު ގަދަ ކަމުން އެސަރަހައްދުގައި ތިބި ގެތަކަށް ވެސް ލޮޅުން އެރި އެ ހާދިސާގައި 350 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. ޒަހަމްވި މީހުންގެ ތެރެއިން އެންމެ ސީރިއަސް އަނިޔާތައް ލިބުނު މީހުންނަށް ކެރަލާގެ ވެރި ރަށް ތިރުވަނަންތަޕޫރަމްގައި ހުންނަ ސަރުކާރުގެ މެޑިކަލް ކޮލެޖުން މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ކެރެލާގެ ހޯމް މިނިސްޓަރު ރަމޭޝް ޗެނިތަލާ ވަނީ އެ ހާދިސާ ތަހުގީގު ކުރަން އަންގަވާފަ އެވެ.
"ފައްޅީގައި ކޮންމެ އާއަހަރަކު ބަޑިބޭހުގެ ކުޅިވަރު ދައްކާލާނެ. އަޅުގަނޑުމެން މިދަނީ އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން،" ޗެނިތަލާ ވިދާޅުވި އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ފުލުހުން ވަނީ ބަޑިބޭސް ބޭނުން ކުރުމާ ދެކޮޅަށް އިންޒާރު ދީފަ އެވެ. އިންޑިއާގެ ފައްޅިތަކުގައި ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ބަޑިބޭހުގެ ކުޅިވަރުތައް ކުރިއަށް ގެންދިޔުމަކީ އާއްމު ކަމެކެވެ. (ބީބީސީ)