ސުލްހަވެރިކަމާއެކު ޒުވާނުން އިސްނަގައިގެން މާލޭގައި ކުރާ މުޒާހަރާތައް ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލަމުންދާތީ މައި އިދިކޮޅު ޕާޓީ، ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެކަން ކުށްވެރިކުރައްވައިފި އެވެ.

ޒުވާނުން އިންތިޒާމްކޮށްގެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން މާލޭގެ މަގުތުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަމުންދާތީވެ އެކަން ކުއްވެރިކޮށް ތަސްމީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ރޭގައި ކުރި މުޒާހަރާއަކީ ސުލްހަވެރިކަމާ އެކު ކުރި މުޒާހަރާއެއް ކަމަށާއި ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި ވަރަށް އިހާނެތިގޮތަކަށް ކަންތައްތަކެއްކޮށްފައި ވާތީ ޑީއާރްޕީން އެކަމާ ކަންބޮޑުވެ، އެކަން ކުށްވެރި ކުރާ ކަމަށެވެ. ފުލުހުން މުޒާހަރާ ރޫޅާލައި މަޖީދީމަގާ ޗާނދަނީ މަގު ދިމާވާ ސަރަހައްދުގެ ގެތަކަށް ވަދެ، އެކި މީހުންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ.

"މަޖީދީމަގާއި ޗާނދަނީ މަގު ގުޅުނު ކަންމަތީގައި ސުލްހަވެރިކަމައާ އެކު މުޒާހިރާ ކުރަމުން އެތައް ހާސްބަޔަކު ރޫޅާލުމަށް ފުލުހުން ރޭ މެންދަމު 12 ޖަހާކަށް ހާއިރު ކަރުނަ ގޭސް ޖަހާ އެސަރަހައްދަށް އެއްވެފައި ތިބި ދިވެހި ރައްޔިތުންނާއި މިޕާޓީގެ ލީޑަރޝިޕް ބޭފޫޅުންނާއި މަޖިލީހުމެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން އާއްމުރައްޔިތުން ފަހާ ދުވެ ބޮޑެތި އަނިޔާތަކެށްދީ އަދި ގިނަ އަދަދެއްގެ ބަޔަކު ވަރަށް އިހާނެތިގޮތަކަށް ހައްޔަރުކޮށް އަދި އެހިސާބުގެ ބައެއް ގެ ތަކަށް ފުލުހުންވަދެ ގެތަކުގެ މީހުންނަށް އަނިޔާކޮށްފައިވާތީ މިކަން މިޕާޓީން ވަރަށް ހަރުއަޑުން ކުށްވެރިކުރަމެވެ،" ތަސްމީން ނެރުއްވި ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ސުލްހަވެރިކަމާ އެކު ރޭގެ މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުންދަނިކޮށް، އެމްޑީޕީގެ މަދު ބަޔަކު ނުކުމެ މުޒާހަރާއަށް ގާއުކާ ހަމަނުޖެހުން ހިންގިއިރު، ފުލުހުން އެ ހަމަނުޖެހުން ހުއްޓުވުމަށް އެކަށީގެންވާ ވަރަކަށް މަސައްކަތް ނުކުރާ ކަމަށް ތަސްމީން ތުހުމަތުކުރައްވައިފައިވެ އެވެ.

"ސުލްހަވެރިކަމާ އެކު ދިވެހި ޒުވާނުން އަޑުއުފުލުމަށް އެއްވި އެއްވުމަށް ހުރަސް އެޅުމަށް އެމްޑީޕީގެ ހަރުގޭގައި އެ ޕާޓީގެ ވެރިން ހިތްވަރު ދިނުމަށް ފަހު މަދު އަދަދެއްގެ ބަޔަކާއެކު ނިކުމެ މި މުޒާހިރާއަށް ގާއުކާ ހަމަނުޖެހުން ހިންގަމުން ގެންދެވި އިރު ދިވެހި ފުލުހުން މިކަން ހުއްޓުވުމަށް އެކަށީގެން ވާ ވަރަށް މަސައްކަތެއް ކޮށްފައިނުވާތީ މިކަމާ މިޕާޓިން ކަންބޮޑުވެ ހިތާމަކުރަމެވެ." ތަސްމީންގެ ނޫސްބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގަނެ ގާނޫނާއި ހިލާފަށް ފުލުހުން މުޒާހަރާގެ ސަފުތައް ރޫޅާ ނުލުމަށް ވަނީ ތަސްމީން ފުލުހުންނަށް އިލްތިމާސްކުރައްވައިފަ އެވެ.