މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ތުން ރައްޒާގު، ބޮޑުވަޒީރުގެ މަގާމުން ދުރު ކުރުމަށް ބޭރު ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދު އެދިވަޑައިގެންފި އެވެ.

މަހާތިރު މިހެން އެދިވަޑައިގެންފައި ވަނީ، 1 މެލޭޝިޔާ ޑިވެލޮޕްމެންޓް ބަރްހާދު ނަމަކަށް ކިޔާ ކުންފުންޏަކުން ބޮޑު ކޮރަޕްޝަނުގެ އަމަލެއް ހިންގައި، އޮސްޓްރޭލިޔާގެ ބޭންކަކުން އެއް ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ވަގަށް ނަގާފައިވާ މައްސަލާގައި ބޮޑުވަޒީރު ނަޖީބު ރައްޒާގަށް ފައިދާތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އޮސްޓްރޭލިޔާގެ "ދަ ވީކެންޑް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި، މަހާތިރު ވިދާޅުވީ ބޭރުގެ ފަރާތްތަކުގެ ޕްރެޝަރާ ނުލައި ބޮޑުވަޒީރު އިސްތިއުފާ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އާންމު ގޮތެއްގައި މެލޭޝިޔާގެ ދާޚިލީ ކަންކަމާ ބޭރު ގައުމުތަކުން ގޮތް ކިޔައި، އެކަމުގެ ތެރެއަށް ވަނުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން. އެކަމަކު މިހާރު އެގޮތް ބަދަލުވެއްޖެ. މިހާރު އެބަ ޖެހޭ ބޭރުގެ ފަރާތްތަކުން ދާޚިލީ ކަންކަމާ ބެހުމުގެ ފުރުސަތު ދޭން،" މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވިދާޅުވި އެވެ.

މަހާތިރު ވިދާޅުވީ އޮސްޓްރޭލިޔާގެ ސަރުކާރުން ވެސް މި މައްސަލަ ބެލުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.