އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް އަތުން ބަލިވާން ދަނިކޮށް، ލޯރެންޓް ކޮޝިއެލްނީ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ އެވެ.

ވެސްޓް ހާމްގެ ބޮލޭން ގްރައުންޑްގައި ރޭ އާސެނަލާއި ވެސްޓް ހާމް ބައްދަލުކުރި މެޗު 3-3 ލަނޑުން އެއްވަރުވެގެންނެވެ.

ލީގުގެ ތިން ވަނައިގައި އޮތް އާސެނަލްއަށް 32 މެޗުން ލިބިފައި ވަނީ 59 ޕޮއިންޓެވެ. ވެސްޓް ހާމް ކުޅުނު 32 މެޗުން ލިބުނު 52 ޕޮއިންޓާ އެކު އެ ޓީމު އޮޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އަދިވެސް އޮތީ ލެސްޓާ ސިޓީ އެވެ. ލެސްޓާއަށް 69 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ލިބިފައި ވަނީ 62 ޕޮއިންޓެވެ.

އެ މެޗުގެ 18 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފައި އެވެ. އެލްކްސް އިވޯބީ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ ވެސްޓް ހާމްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފަ އެވެ. އިވޯބީ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކުރީގެ ބާސެލޯނާ ތަރި އެލެކްސިސް ސަންޗޭޒް އެވެ.

އާސެނަލް ކޮޅަށް ލަނޑެއް ޖެހުމަށް ފަހު ވެސްޓް ހާމްގެ ކެރޯލް އުފާފާޅުކުރަނީ: ވެސްޓް ހާމްއާއި އާސެނަލް ބައްދަލުކުރި މެޗު 3-3 ލަނޑުން އެއްވަރުވެގެން ނިމިގެންގެންދިޔައިރު، ކެރޯލް ވަނީ މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފައި -- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް ވެސްޓް ހާމްއިން ވަނީ ދެ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 44 ވަނަ މިނެޓުގައި އާރޮން ކްރެސްވެލް ނަގައިދިން ހުރަހަކުން ވެސްޓް ހާމްގެ ފުރަތަމަ ލަނޑު އިނގިރޭސި ފޯވަޑް އެންޑީ ކެރޯލް ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ވެސް ޖަހައިދިނީ ކެރޯލް އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސްޓް ހާމްއިން އާސެނަލްގެ ގޯލަށް ނުރައްކާކުރި އެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި މިޝޭލް އެންޓޯނިއޯ ނަގައިދިން ހުރަހަކުން ވެސްޓް ހާމްއަށް ކެރޯލް ލަނޑެއްޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ ބޮލުން ޖަހަ އެވެ.

މެޗުގެ ނަތީޖާ އާސެނަލަށް ހަމަހަމަކުރެވުނީ 70 ވަނަ މިނެޓުގަ އެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް ޑެނީ ވެލްބެކް ދިން ބޯޅައަކުން ޑިފެންޑަރު ލޯރެންޓް ކޮޝިއެލްނީ އެވެ.

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރާ ވެސްޓް ބްރޮމް އަތުން 2-1 ލަނޑުން މޮޅުވެފަ އެވެ. މެޗުގެ ކުރީކޮޅު ސްޓެފަން ސެސެގްނޮން، ވެސްޓް ހާމްއަށް ލީޑު ނަގައިދިންއިރު، ސިޓީއަށް ލީޑު ލިބުނީ ފުރަތަމަ ހާފުގައި ސާޖިއޯ އަގުއެރޯ އާއި ދެވަނަ ހާފުގައި ސާމިރް ނަސްރީ ޖެހި ލަނޑުންނެވެ.

ވެސްޓް ބްރޮމް ކޮޅަށް ލަނޑުޖެހުމަށް ފަހު، މެންޗެސްޓާ ސިޓީގެ ސާމިރް ނަސްރީ އުފާފާޅުކުރަނީ: އެ މެޗުން ސިޓީ މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ

ލީގުގައި ރޭ ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވަނީ 1-0 ލަނޑުން ބަލިވެފަ އެވެ. ސްވަންސީގެ ދަނޑުގައި ކުޅުނު އެ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ގިލްފީ ސިގާޑްސަން އެވެ.