10 Apr 2016, 10:16
ސްޕެނިޝް ލީގްގައި އެންމެ ކުރީގައި އޮތް ބާސެލޯނާ 0-1ގެ ނަތީޖާ އަކުން ރެއާލް ސޮސިއެޑާޑްގެ އަތުން ބަލުވުމުގެ ފައިދާ ނަގާ ދެވަނާގައި އެތުލެޓިކޯ މެޑްރިޑުން ބާސާއާ ތިން ޕޮއިންޓަށް ގާތަށް ޖެހިލާފި އެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް ބާސާ އަދިވެސް އޮތީ ކުޅުނު 32 މެޗުން 76 ޕޮއިންޓް ލިބިގެން ތާވަލުގެ އެއް ވަނާގަ އެވެ. ދެ ވަނާގައި އެތުލެޓިކޯ 73 ޕޮއިންޓާ އެކު އޮތް އިރު އެ ޓީމް ވަނީ ރޭ އެސްޕަނިއޯލް އަތުން3-1ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ. އަދި ތިން ވަނާގައި އޮތް ރެއާލް މެޑްރިޑް ލިބެނީ 72 ޕޮއިންޓެވެ.

ސްޕެނިޝް ލީގްގައި ރޭ ސޮސިއެޑާޑް އާއި ބާސާ ކުޅުނު މެޗުގައި ނޭމާ ހުއްޓުވުމަށް ސޮސިއެޑާޑްގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު އެ މެޗުގެ ފަސް ވަނަ މިނެޓްގައި އެ ޓީމުން ވަނީ ލީޑްނަގާފަ އެވެ. އެ ގޯލު މިކޭލް އަރްޒަބަލް ކާމިޔާބު ކުރީ ޒާބިއާ ޕްރިޓޯ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ސޮސިއެޑާޑްގެ އެ ގޯލަށް ފަހު އެ ޓީމުން ޑިފެންސިވް ގޭމެއް ކުޅެމުންދިޔަ އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާގެ ތުރުކީ ފޯވާޑް އްރަދާ ޓުރާން އަށް ވަނީ ނަތީޖާ އެއްވަރު ކޮށްލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. ނަމަވެސް ސޮސިއެޑާޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ޓުރާން ފޮނުވާލި ހަމަލާ ސޮސިއެޑާޑްގެ ކުޅުންތެރިއެއްގެ ފައިގަޖެހި ގޯލާ ދިމާލަށް ދިޔަ ނަމަވެސް ކީޕަރު ވަނީ ހުށިޔާރު ކަމާއިއެކު ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފްގައި ބާސާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ އިރު، އެ ޓީމުން ވަނީ ސޮސިއެޑާޑްގެ ގޯލަށް އަމާޒް ކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް ބާސާގެ ފޯވާޑުން ފޮނުވާލި އެ ހަމަލާތައް މެޗުގައި މޮޅު ކުޅުމެއް ދެއްކި ސޮސިއެޑާޑްގެ ކީޕަރު ރޫލީ ވަނީ ދިފާއުކޮށްފަ އެވެ.

ސްޕެނިޝް ލީގްގައި ރޭ ސޮސިއެޑާޑް އާއި ބާސާ ކުޅުނު މެޗުގައި މެސީ އަތުން ބޯޅަ ހޯދުމަށް ސޮސިއެޑާޑްގެ ކުޅުންތެރިން މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ލުއިސް އެންރިކާ ބުނީ އެ މެޗުގެ ފުރަތަމަ ހާފްގައި ބާސާގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއް ކަމަށާއި ނަމަވެސް ދެވަނަ ހާފްގައި ފެނުނު ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ރޭގެ މެޗުގައި ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ސޮސިއެޑާޑްގެ ކީޕަރު ވަރަށް ހުށިޔާރު. އޭނާގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެއް. އެއީ ބާސާ އަށް ގޯލެއް ކާމިޔާބު ނުކުރުވުމުގެ މައިގަނޑު ސަބަބަކީ ވެސް،" އެންރިކޭ ބުންޏެވެ.