09 Apr 2016, 22:15
އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސެންޓްރަލް ޒޯނުގައި ހިމެނޭ ގައުމުތަކުގެ މެދުގައި ބާއްވާ ސެންޓްރަލް ވޮލީބޯލް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާން ނިންމައިފިއެވެ.
އެ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމީ ސެންޓްރަލް ޒޯނުގައި ހިމެނޭ 14 ގައުމުގެ ވޮލީ ބޯލް އެސޯސިއޭޝަން ތަކުގެ މަންދޫބޫންނާއި އެކު އިއްޔެ ޕެރަޑައިސް އައިލެންޑު ރިސޯޓްގައި ބޭއްވި ބައްދަލުވުމުގައެވެ.
ރާއްޖޭގެ އިތުުރުން އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ، އީރާން، ކަޒަކިސްތާން، ނޭޕާލް، ޕާކިސްތާން، ތަޖަކިސްތާން، ތުރުކުމަނިސްތާން އާއި އުޒުބަކިސްތާން އަދި ކިރިގިސްތާން ހިމެނޭ އެ ޒޯންގެ ބައްދަލުވުމުގައި ކަޒަކިސްތާން ފިޔަވައި އެހެން ހުރިހާ ގައުމަކުން ވަނީ މަންދޫބުން ބައިވެރިވެފައެވެ.
އޭޝިއާ ސެންޓްރަލް ޒޯނުގައި ހިމެނޭ އެސޯސިއޭޝަން ތަކަށް ދިމާވާ މައްސަލަތަކާއި ކުރިއަށް ބާއްވާނެ މުބާރާތްތައް ކަނޑައަޅަން ބޭއްވި އެ ބައްދަލުވުމުގައި މިއަހަރުގެ ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހު ބަންގުލަދޭޝްގައެވެ.
އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެން ބާއްވާ އެ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޓީމަކީ ރާއްޖެއެވެ. ބަންގުލަދޭޝްގައި ބޭއްވި އެމުބާރާތުގެ ފައިނަލުން ރާއްޖެ ބަލިވީ 2-3 ސެޓުން ތުރުކުމެނިސްތާން އަތުންނެވެ.
ފަހަކަށް އައިސް ގިނަ ކާމިޔާބީ ތަކެއް ހޯދަމުން އަންނަ ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމުން ވަނީ މިދިޔަ މަހު މެލޭޝިއާގައި ބޭއްވި އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ހޯދާފައެވެ.