ލ. ގަމު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިރޭ 7:30 އެހާކަށްހާއިރު ލ. ގަމު މީހުން ދިރިނޫޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނާއި ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

ލ. ގަމު ކައުންސިލްގެ މެމްބަރު ރައީސް އަސްލަމް މުހައްމަދު "ސަން" އަށް މިރޭ ވިދާޅުވީ އެ ގެއަކީ ގަމުގައި އުޅޭ ނިކަމެތިންނަށް ހާއްސަކޮށްގެން ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ތިން ގެތަކުގެ ތެރެއިން އެއް ގެ ކަމަށެވެ. އަދި އެ ތިންގެ ވެސް ތިން ފަރާތަކަށް ހަވާލުކުރުމަށް ގަމު ކައުންސިލާއި ހައުސިން މިނިސްޓްރީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުންގެ ވާހަކަތަކަށް ބަލާނަމަ ބޮޑަށް ބެލެވެނީ ބަޔަކު ގަސްދުގައި ރޯކޮށްލި ކަމަށް. އެއީ ދެން އެއްވެސް ބަޔަކު ނޫޅޭ ގެއަކަށްވާތީ،" އަސްލަމް ވިދާޅުވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.