03 May 2011, 15:52
ދިވެހި ބޭސްފަރުވާގެ ހިދުމަތް ދިނުމުގެ ހުއްދަދީފައިވާ ކްލިނިކެއްގައި ގަވާއިދާ ހިލާފު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ ހެލްތު މިނިސްޓްރީން އެތަނަށް ދީފައިވާ ހުއްދަ ބާތިލްކޮށް، ރަޖިސްޓްރީ އުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ހެލްތް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ހ. ފުންވިލުގެ ތިން ވަނަ ފަންގިފިލާގައި "ގްރީންކެއާ"ގެ ނަމުގައި ހިންގަމުން އަންނަ ކްލިނިކަކީ އޯލްޓަނޭޓިވް މެޑިޝިންގެ ހިދުމަތް ދިނުމަށް އެމިނިސްޓްރީން ހުއްދަދީފައިވާ ތަނެއް ކަމަށެވެ. ނަމަވެސް އެތަނުގެ ހުއްދަ ބާތިލްކުރީ އެތަނުގެ ތެރޭގައި ރިލެކްސް ކެއާ ބިއުޓީ އެންޑް ސެލޫންގެ ނަމުގައި ތަނެއް ހުޅުވައި ގަވާއިދާ ހިލާފަށް ހިންގަމުންދާތީ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް އިންޕްރޫވްމަންޓް ޑިވިޝަންގެ ޑިރެކްޓަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވީ ގްރީންކެއާ ކްލިނިކްގެ ތެރޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން އެމިނިސްޓްރީން މިދިޔަ މަހުގެ 30ގައި އެތަނަށް ގޮސް ބެލިބެލުމުން އެތަނުގެ ތެރޭގައި ގަވާއިދާ ހިލާފަށް މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ސިއްހީ ފަރުވާ ދިނުމުގެ ހުއްދަ ދީފައިވާ އެ ކްލިނިކް ރިލެކްސް ކެއާ ބިއުޓީ އެންޑް ސެލޫންގެ ނަމުގައި ނަން ބޯޑެއް ބަހައްޓާފައިވާ ކަމަށާއި ކްލިނިކްގެ ނަން ބޯޑެއް ނުވަތަ ރަޖިސްޓްރީއެއް ވެސް އެތަނުގައި ބަހައްޓާފައި ނުވާ ކަމަށާއި އެތަނާ ބެހޭ އެއްވެސް މައުލޫމާތެއް ދެވޭނެ ފެންވަރުގެ މީހަކު ވެސް އެތަނުގައި ނެތް ކަމަށެވެ. އަދި ސްޓާފުންގެ ގޮތުގައި ތިބީ ބިދޭސީ ތިން އަންހެނުންނާއި ދިވެހި އަންހެން ކުއްޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެފަދަ ކްލިނިލްތަކުގައި ބަދުއަހްލާޤީއަމަލްތައް ހިންގުމުގެ މައްސަލަތައް މާލޭގައި ދަނީ ފެންމަތިވަމުންނެވެ. ނަމަވެސް ގްރީންކެއާގެ ހުއްދަ ބާތިލްކުރީ އެފަދަ މައްސަލައެއްގައި ނޫން ނަމަވެސް އެފަދަ ކަންތައްތަކެއް އެތަނުގެ ތެރޭގައި ހިނގަމުން ގެންދިޔަ ކަމުގެ މައުލޫމާތު ނުރަސްމީކޮށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކްލިނިކްގެ ނަންބޯޑު ބަދަކުކޮށްފައި ވަނީ މިނިސްޓްރީއަށް ވެސް ނާންގާ. އަދި ބަދުއަހުލާގީ އަމަލްތަކެއް އެތަނުގައި ހިންގަމުންދިޔަ ކަމުގެ މައުލޫމާތެއް ތުންތުން މަތިން ވަނީ ލިބިފައި،" ޝާހިދު ވިދާޅުވި އެވެ.
ދިވެހި ބޭސްފަރުވާ ދިނުމުގެ ހުއްދަދީފައިވާ ފަސް ކްލިނިކެއް ގަވާއިދާ ހިލާފަށް ހިންގަމުން ގެންދިޔަ ކަމަށް ބުނެ ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އަހަރު ވެސް އެތަންތަނަށް ދީފައިވާ ހުއްދަ ބާތިލްކޮށްފަ އެވެ.