09 Apr 2016, 22:09
ޖިބޫޓީ (އެޕްރީލް 9) : އެފްރިކާގެ އިރުމަތީގެ ފަގީރު ގައުމެއްކަމަށްވާ ޖިބޫޓީގެ ރިޔާސީ ހަތަރުވަނަ ދައުރަކަށް އެގައުމުގެ މިހާރުގެ ރައީސް އިސްމާއީލް އުމަރު ޣީލާ އިންތިޚާބުވެ ވަޑައިގެންފިއެވެ.
ޖިބޫޓީގައި މިދިޔަ ހަފްތާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް އިސްމާއީލް އުމަރު ޣީލާ އިންތިޚާބުވެ ވަޑައިގަތީ ވޯޓުގެ ވަރަށް ބޮޑު އަޣްލަބިއްޔަތަކުންކަމަށް އެގައުމުގެ ރަސްމީ ޓީވީ ބުންޏެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ރައީސް ޣީލާ ވިދާޅުވީ ޖިބޫޓީގެ ރައްޔިތުން ގައުމުގެ އެންމެ މަތީމަގާމާ އޭނާއާ މަތިކޮށްފިކަމަށާ އެހެންކަމުން މާދަމައިން ފެށިގެން ރިޔާސީ އިތުރު ދައުރަކަށް ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނެ ކަމުގައެވެ.
އުމުރުން 68 އަހަރުގެ ޣީލާގެ ވެރިކަމުގައި ޖިބޫޓީ ވަނީ އިގްތިސާދީ ގޮތުން ވަރަށްބޮޑު ވަޅުގަނޑަކަށް ވެއްޓި ވަޒީފާނެތްމީހުންގެ އަދަދު އިންތިހާއަށް މަތިވެ އުފެއްދުންތެރިކަން ދަށްވެ ފަގީރުންގެ އަދަދު އިތުރުވެފައެވެ. ނަމަވެސް 1999 ވަނައަހަރު ޖިބޫޓީގެ ވެރިކަމަށް އިސްވެވަޑައިގެންނެވި ޣީލާގެ ވެރިކަމުގައި އެގައުމުގެ ބަނދަރުތަކާއި ބިންތައްވަނީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ އަސްކަރީ ބޭސްތަކުން ފުރާލާފައެވެ. އެހެންކަމުން ރިޔާސީ ހަތަރުވަނަ ދައުރަކަށް ޣީލާ އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް ހުޅަނގުގެ ބާރުތަކުގެ އެއްވެސް ޝަކުވާއެއް ޣީލާ އާމެދު ނެތެވެ.
ޣީލާއާ ވާދަކުރި ފަސް ކެންޑިޑޭޓުންވެސް އޭނާއާ ވާދަކުރީ ނަމެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ. ޣީލާއަށް ވޯޓުގެ 80 އިންސައްތަ ލިބިވަޑައިގެންނެވިއިރު އޭނާއާ އެންމެ ގާތުން ވާދަކުރި އުމަރު އިލްމީ ޚައިރާއަށް ލިބިފައިވަނީ ވޯޓުގެ 7.3 އިންސައްތަ އެވެ. (އަލްޖަޒީރާ)