09 Apr 2016, 19:40
މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިން ކޮމެޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެކުންފުނިން މިދިޔަ ހަފްތާގެ ތެރޭގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިއްސާދާރުންނަށް މިދިޔަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނު މަތީގެ އަގު 50 ރުފިޔާގެ ހިއްސާއަކަށް 22 ރުފިޔާ ބަހާ ގޮތަށް އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް މިދިޔަ މަހުގެ 31ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 11 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށެވެ. މިދިޔަ އަހަރު ޖުމުލަ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައި ވަނީ ފަސް މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް "ސަން" އަށް މިރޭ ވިދާޅުވީ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން {އެމްޓީސީސީ) ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އަޅުގަނޑުމެންގެ ފައިދާ މިވަނީ 2014ވަނަ އަހަރަށް ވުރެ އިތުރުކޮށްފައި. 2014 ވަނަ އަހަރު އަޅުގަނޑުމެން ބެހީ ހިއްސާއަކަށް 10 ރުފިޔާ ޖެހިފައި އިންނައިރު އޭގެ ޑަބަލް ބޮޑުކޮށް މިފަހަރު ހިއްސާއަކަށް މި ދެނީ،" ހަލީމް ވިދާޅުވި އެވެ.