އެބޭފުޅަކީ، އޭނާގެ އީޖާދުތަކާއި ބަދަލުތަކާއި ޚިޔާލާތުތައް، އެޒަމާނުގެ ދިވެހިންނަށް އެންމެ ކަމުދިޔަ ބޭފުޅަކަށް ފަހަރުގައި ނުވެދާނެއެވެ. އެންމެންނަކަށް ނޫނެވެ. ބަސްކިޔަންތިބި ނުފޫޒުގަދަ ފަރާތްތަކަށެވެ. އެފަދަ ޒަމާނެއްގައި އެކަން އެހެން ވެދާނެއެވެ. އަޅުގަނޑަށް ވުރެކުރިން މިކަމާ އެއްބަސްވެލައްވަނީ ދިވެހި ޝާޢިރެކެވެ. އޭނާ ވިދާޅުވެފައި ވަނީ، " ތަޢުލީމު ނެތަމަ ތާކު ޒަމާނާއި އެކުވެގެން – ތަން ދާނެޔެ، ބުއްދީގެ މަގުން އެއްކިބާވެގެން." މިހެންނެވެ.

ޙަޤީގަތް ޝާޢިރު އެ ބުނެދިނީއެވެ. އެއީ އެދުވަހުގެ ޙާލަތަށް ވީހިނދު، އެޙާލަތު ބަދަލު ކުރައްވަން ފުރަތަމަ އިސްނެންގެވީ މުޙަންމަދު އަމީން ދިދީއެވެ. އިނގިރޭސިންގެ އިސްތިޢުމާރީ ދުވަސްވަރު ޢިމާރާތްކުރާ ވައްތަރުގެ ގެއެއް، އެ ގެ ހު ރި ބިމާއެކު ދިވެހި ސަރުކާރަށް އަމީންދީދީ ސިލޯނުން ބައްލަވައިގަތެވެ.

އެއީ މަޝްހޫރު ސޯސަންވިލާއެވެ. ދިވެހި ސަރުކާރުން ސިލޯނަށް ކިޔަވަން ފޮނުވާފައިތިބޭ ދަރިވަރުން ބައިތިއްބާ ބޯޑިންގ ސްކޫލަކަށް އަމީން އެތަން ހެއްދެވިއެވެ. ސެންޓް ޕީޓަރޒް ކޮލެޖާއި، ސެއިންޓް ޖޯސެފް ކޮލެޖަކީ މި ދުވަސްވަރު ދިވެހި ދަރިވަރުން ކިޔަވަމުންދިޔަ ދެ ކޮލެޖެވެ. ޚުދު މުޙަންމަދު އަމީނަކީވެސް ސެއިންޓް ޖޯސެފް ކޮލެޖުން ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. މިދެންނެވި ސޯސަންވިލާ އަކީ، ޒަމާނީ ދިވެހިރާއްޖެ އެބޭފުޅުންނަށް ލިބިވަޑައިގަތް ތަޢުލީމުން ބައްޓަންކުރުވި އެތަކެއް ދަރިވަރުން ބިނާކުރި ބޯޑިން ސްކޫލެކެވެ. ޚުދު ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫންގެވެސް ބޯޑިން ސްކޫލެވެ. އެ ދެބޭފުޅުންނަކީ، މުޙަންމަދު އަމީން ރާއްޖޭގައި ފެއްޓެވި ޒަމާނީ ތަޢުލީމުގެ ބިންގައު އާރާސްތު ކުރެއްވި،ފަހުގެ ދެ ރައީސުންނެވެ.

ދަންނަވަން މިއުޅެނީ އެވާހަކަ ތަކެއް ނޫނެވެ. އަމީން ދީދީގެ ތޫނު ވިސްނުންފުޅާއި ހުވަފެންފުޅުތައް ނުވަތަ " ޑްރީމް" މި ޤައުމުގެ މުސްތަގުބަލާއި ގުޅެމުން މި އަންނަ ގޮތުގެ ވާހަކަ އެވެ. މިކަން ކަމަށް ވިސްނާލާއިރު، ފުރަތަމަ ވެސް އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ އެމަނިކުފާނު ލިޔުއްވާފައިވާ މަޒްމޫނެކެވެ. އެއީ "ވިލިގިނލި" މާލޭގެ އަވަށަކަށް ބަދަލުވެގެން ދާނެކަމަށް ދެކެވަޑައިގެން، ފާޅު ކުރައްވާފައިވާ ޚިޔާލެކެވެ. ނުވަތަ " ޑްރީމް' އެކެވެ.

އަމީންދީދީ "މާލެ-ވިލިގިނލި" އާއިމެދު އެ ގެންގުޅުއްވި ހުވަފެން ޙަޤީގަތަކަށް ވެގެން އައި ހިނދު، ދެން މިފެންނަނީ އެމަނިކުފާނުގެ އެހެން "ޑްރީމް" އެކެވެ. ހުވަފެން ފުޅެކެވެ. މިފަހަރު އެ ޚިޔާލު ގެންނަވާފައިވަނީ އެމަނިކުފާނުގެ ޅެމެއްގެ ތެރެއިންނެވެ. ވިދާޅުވެފައިވަނީ، " އޮޅުދޫ ކަރައިގެ ހުޅަނގުފަރާތުން ފެންނަ ކުދިރަށްތައް – ގުޅުވާ ދަގަނޑު ފާލަންތަކުން ތަހުޒީބުވުން އައުކޮށްފިޔޭ " މިހެންނެވެ.

އެވިދާޅުވާ އޮޅުދޫ ކަރަޔަކީ ސްރީލަންކާއެވެ. ހުޅަނގުފަރާތުގައި މިއޮތީ ދިވެހި ރާއްޖެއެވެ. އެ ރާއްޖޭގެ ކުދި ރަށްތަކެވެ. އެވިދާޅުވާ ނުވަތަ " ޑްރީމް" ކުރައްވާ " ދަގަނޑު ފާލަން" ތަކަކީ "ބުރިޖު"ގެ ވާހަކައެވެ.!

ނަމަވެސް އޭރު ފެންނާން އޮތީ، 1961 ގައި އިނގިރޭސިން ހަދާފައިވާ ދަގަނޑު ފިލާ އަޅާފައިވާ އެއަރ ސްޓްރިޕެކެވެ. އިނގިރޭސިންގެ މިލިޓަރީ ބޭނުމަށް ބޭނުންކުރާ މިދެންނެވި އެއަރ ސްޓްރިޕް އޮތީ ހުޅުލޭގައެވެ. އެފަޅުތެރޭގައި ގާދޫ ކިޔާ ކުޑަކުޑަ ރަށެއްވެސް ފެންނާން އޮތެވެ.

އެތަނެއްގައި ތިބެ، މަތީތަޢުލީމް ހާސިލްކުރަމުން ގެންދާ ދަރިވަރުންނާއި މެދު، އަމީންގެ ތަސައްވުރެއް އޮތް ސޯސަންވިލާއިން ނިކުމެވަޑައިގަތް އިބްރާހިމް ނާސިރު، ހުޅުލެއާއި މިދެންނެވި ގާދޫ ގުޅުވާލެއްވިއެވެ. ކޮމާޝަލް އެއަރޕޯޓެއް 1964ގައި ހުޅުލޭގައި ހެއްދެވިއެވެ. ދިވެހިންގެ ފުރަތަމަ ކޮމާޝަލް އެއަރޕޯޓު، އެ ފަޅުން ނާސިރު ވުޖޫދަށް ގެންނެވިއެވެ. އެހިސާބުން މާލެއިން ހުޅުލެއަށް ދަތުރުކުރަން ޖެހުނީއެވެ. ރާއްޖެއިން ބޭރަށް އުދުހުމަށެވެ. އޭރު ހުޅުލޭގެ އުތުރުފަރާތުން ފެންނާން އޮތް ވިލުގައި ރަށެއް ބިނާކުރުމުގެ ތަސައްވުރެއް ދިވެހިންގެ ޚިޔާލަކަށް ނާދެއެވެ.

ދެން ފެނިގެން ދަނީ، ހަމަ ސޯސަންވިލާގެ އެހެން ދަރިވަރެކެވެ. މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމެވެ. ހުޅުލޭ އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް، މިދެންނެވި ފަޅުތެރޭގައި "ހުޅުމާލެ" ނަމުގައި 198 ހެކްޓަރުގެ ރަށެއް މައުމޫންގެ ސަރުކާރުން ހިއްކެވި ތަނެވެ. އެރަށް އާރާސްތު ވެގެން ދިޔަ މަންޒަރެވެ. މިދެންނެވި ދުވަސްވަރު އަޅުގަނޑު ވަޒީފާ އަދާކުރަމުން އައީ އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުގައެވެ. އެހެން ކަމާއެކު، ހުޅުލެއާއި މާލެ ގުޅުވާނެ ބްރިޖެއްގެ ތަސައްވުރެއް، ކުރެހުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީގައި ހިނގަމުންދިޔަ މަންޒަރު އަޅުގަނޑަށް ވަނީ ފެނިފައެވެ.

އެދުވަސްވަރު ޖަޕާނުގެ މރ. އަބޭ ނަމަކަށް ކިޔުނު ޖައިކާގެ ކޮންސަލްޓަންޓެއް، ޕްލޭނިން މިނިސްޓްރީގައި މަސައްކަތް ކުރައްމުން ދިޔައީ މިދެންނެވި ކޮންސެޕްޓު ކުރެހުމަށެވެ. އެއީ ހުޅުލެއާއި މާލެ ގުޅުވާލާނެ ބްރިޖެއްގެ ކޮންސެޕްޓެކެވެ. އެއް ޚިޔާލަށްވުރެ ގިނަ ޚިޔާލުތައް އޭނާ ގަނޑަށް ނަގަމުންދިޔަތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައެވެ.

މިދެންނެވީ ހަމައެކަނި ކޮންސެޕްޓެއްގެ ވާހަކައެވެ. ޕްރޮޖެކްޓެއްގެ ވާހަކައެއް ނޫނެވެ. އެއީ އަމީން ދީދީގެ ޅެން ބައިތައްވުރެ ކުޑަ ތަންކޮޅެއް ކުރިއަރާފައިވާ ޚިޔާލުތަކެކެވެ. އެއީ ކުރެހުންތަކެއްގެ ގޮތުގައި ތަސައްވުރެއް ގަނޑަށް ނެގިފައި ވިތީއެވެ. މިދެންނެވި ކޮންސެޕްޓް ލޯމަތިން ބީވީ، ރައީސް މައުމޫނުގެ ސަރުކާރު ނިމުމާއި ހަމައިންނެވެ. އޭގެ ފަހުން އަނެއްކާވެސް އައު ރައީސެކެވެ. އަދި އެއަށްފަހުގައިވެސް އެހެން ރައީސެކެވެ.

މިއަދު މިފެންނަނީ،ރައީސް ޔާމީންގެ ސަރުކާރެވެ. އެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފޭސް އެވަނީ ހިއްކާފައެވެ. އޭގެ ސަބަބުން ހުޅުމާލޭގެ ފުރަތަމަ ފޭހަށް ގާތްގަނޑަކަށް 240 ހެކްޓަރުގެ ބިން އެވަނީ އިތުރަށް ބޮޑުވެގެން ގޮހެވެ. މި ކަމުގެ ސަބަބުން ހުޅުމާލޭގެ މުސްތަގުބަލުގެ ޑެންސިޓީ ޚިޔާލަށް ގެންނާކަށް ދައްޗެއް ނުވާނެއެވެ. އެއީ މާދަމާ ކިހާވަރެއްގެ އާބާދީއެއް އޮންނާނެ ފުރުސަތު އޮތް ބިމެއްކަމެވެ. އެ ބިން ފެނުމުން ދެން ވިސްނަން ފެށޭނީ އެ ބިމާއި ހުޅުލެއާއި މާލެ ގުޅުމުގެ މުހިންމު ކަމެވެ.

ކޮންމެއަކަސް މިއަދު މިފެންނަނީ 1947 ގައި އަމީން ދިވެހިރާއްޖެއާއި މެދު ދެކެވަޑައިގަތް "ދަނގަނޑު ފާލަން "ނުވަތަ" ބްރިޖް" ގެ ތަސައްވުރު، ޙަޤީގަތަކަށް ވެގެން އަންނަ ތަނެވެ. މި ބުރިޖްގެ ޢަމަލީ މަސައްކަތް، ރައީސް ޔާމީންގެ ސަރުކާރުން ކުރަމުން އަންނަ ތަނެވެ. އައު ކޮންސެޕްޓެއް ފަރުމާކުރެވި އޭގެ ދަށުންނެވެ. އެއީ ގާތްގަނޑަކަށް 1.2 ކިލޯމީޓަރުގެ ބުރިޖެކެވެ. އެ ދުރުމިން ފަސޭހައިން ހިތަށް ގެނެވޭނީ، މަޖީދީ މަގުގެ ސޯޝަލް ސެންޓަރުން ފެށިގެން އޮލިމްޕަސް ސިނަމާ އާއި ހަމައަށް ނަޒަރު ހިންގާލުމުންނެވެ. އެއީ ގާތްގަނޑަކަށް އެ ދުރުމިނެވެ.

މި ބުރިޖު ލޮލަށް ފެންނަން ފަށާނީ، ކަނޑުގެ އަޑިން ދިހަބުރީގެ ޢިމާރާތެއްގެ އުސްމިން ހުންނަވަރުގެ ތަނބުތަކެއް ފެންމައްޗަށް އަރަމުންގޮސް، އޭގެ މައްޗަށް ބުރިޖުގެ ސަރާސަރު މަގު އައުމުންނެވެ. މިއަދަކު އެއީ ހުވަފެނެއް ނުވަތަ "ޑްރީމް" އެއް ނޫނެވެ. ހިނގަމުންދާ މަޝްރޫޢެކެވެ. މިހިސާބުން އަމީން ދީދީގެ "ގުޅުވާ ދަގަނޑު ފާލަންތަކުން ތަހުޒީބުވުން އައު ކޮށްފިޔޭ" ވިދާޅުވި، ހުވަފެންފުޅުގެ ޒަމާނަށް ދިވެހި ރާއްޖެ އައީއެވެ. އެ ދުވަހު އަމިއްލަ ނަފްސާއި މާޒީ ސުވާލު ކުރާނީ މި ދަންނަވާހެން ތޯއެވެ؟. "މި ފެންނަނީ ޅެންބައިތެއްގެ ހުވަފެން " ކޮންކްރީޓް" ށް، ބަދަލުވާ މަންޒަރު ހެއްޔެވެ؟".