އެޒުވާން އަންހެން ކުއްޖާގެ ވަނަމަކަށް ވެސް އެތައް ބަޔަކު ބޭނުން ކުރަނީ "ކަޅު" މި ލަފްޒު ހިމެނޭ ނަމެކެވެ. ސްކޫލު ދައުރުން ފެށިގެން މިއަދާ ހަމައަށް ވެސް ހާލަތަކީއެއީ އެވެ. އެއީ އާދައިގެ ކަމެއްގެ ގޮތުގައި އަންހެން ކުއްޖާއަށް ގަބޫލެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި އޭނާ އަށް އެކަން ވެގެންދަނީ ވަރަށް ވެސް ބޮޑު ކަމަކަށެވެ. އަބަދުމެ އެކަމާ ވިސްނި އެކަމުން އަރައިގަންނަން ބޭނުންވާ ކަމަކަށެވެ.

ޅައިރުން ފެށިގެން އެދިމާކުރުންތަކަށް ކެތްނުކުރެވުމުގެ ނަތީޖާއަކަށް ވެގެންދަނީ މިހާރަކަށް އައިސް އޭނާ އެކަމުގައި ތަޅުލެވިފައިވުމެވެ. މީހަކު އޭނާއާ ދިމާލަށް ބަލާލާ ކޮންމެ ފަހަރަކު އޭނާ އަށް ގަބޫލް ކުރެވެނީ އޭނާ ކަޅުވީމަ ބަލަނީ ކަމަށެވެ. މީހަކު އޭނާދެކެ ރުޅި އައިސްފި ނަމަވެސް އަދި ހިތްހަމަ ނުޖެހޭ ކަމެއް ކޮށްފި ނަމަވެސް އޭނާ އަށް ހަމަ ގަބޫލު ކުރެވެނީ ހަމަ އެހެންނެވެ. ކަޅުވީމާ ވާގޮތްތައް ކަމަށެވެ. މީހުން މަލާމާތް ކުރަނީ ކަމަށެވެ.

އެހެންކަމަށްވުމާ އެކު މުޅި ދުވަހު އޭނާ މަސައްކަތަކަށް ވަނީ އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ. ތިމާގެ ސިފަ ބެލުމަށް އެތައް އިރެއް ވަންދެން ލޯގަނޑު ކުރިމަތީ މާޔޫސްކަންމަތީ ވަގުތުތައް ހޭދަކުރަނީ އެވެ. އަބަދުހެން މޫނު ދޮވެ ހަދަނީ އެވެ. މީހަކު ބުނިހާ ކޮސްމެޓިކްސްއެއް ގަނެ މޫނުގައި އުގުޅައި ކަންތައްތައް ކުރަނީ އެކަމުން އަރައިގަތުމަށެވެ.

މިފަހަރު މީގެ އެހެން ހާދިސާއެކެވެ. މިފަހަރު މާ ރީތި އަންހެންކުއްޖެއްގެ ވާހަކަ އެވެ. އެކުއްޖާއަށް ވެސް ވަނީ ހަށިގަނޑުގެ ސަބަބުން ކަންބޮޑުވާ މައްސަލައެއް ކުރިމަތިވެފަ އެވެ. އެ ކުއްޖާގެ ގުނަވަނެއް މީހުން މާ ހިތްކިޔާ ގޮތަކަށް އިނުމުގެ ނަތީޖާއަކަށްވީ އަބަދު އެކަމާ ވިސްނައި އެކަމުން އަރައިގަންނަން މަސައްކަތް ކުރަން ޖެހޭ ކަމަކަށް އެކަންވުމެވެ. މީހުންގެ ދިމާކުރުމާ އެކު ގައިގަ ފޮތިއޮޅުމާއި ލާ ހެދުންތައް އެކިގޮތްގޮތަށް ބަދަލުކޮށްލުމަށް މަސައްކަތް ކުރަންޖެހުމެވެ. އޭނާ ވެސް ދުވަހުގެ ބޮޑުބައި ހޭދަކުރަނީ އެކަމުން އަރައިގަތުމަށް ވިސްނުމަށެވެ.

މިއީ އެތައް ބައެއްގެ ހާލެވެ. އެއްބަޔަކު ހަށިގަނޑުގައި ހުންނަ ކޮންމެވެސް އުނި ކަމަކާ ގުޅިގެން ނުވަތަ ކަޅުވުމުން ނުވަތަ ފަލަވުމުން ނުވަތަ މީހުން ދިމާކުރާވަރަށް ރީތިވުމުން ނުވަތަ ހަށިގަނޑުގައި އިންނަކޮންމެވެސް އަޅައިގަންނަ ކަމަކާގުޅިގެން މީހުން ދައްކާ ވާހަކައިން ސަލާމަތް ވުމަށް އަބަދު އެކަމަށް ވިސްނުމަށް މުޅި ދުވަސް އެދަނީ ހޭދަ ކުރަމުންނެވެ. މިކަން އަންހެނުންނަށާއި ފިރިހެނުންނަށް ވެސް ދިމާވެ އެވެ. މިއީ ދިރިއުޅުން އުނދަގޫ ކުރުވާ ކަމެކެވެ. އެނގޭ ހެއްޔެވެ؟ ތިއީ ނަފްސާނީ ބައްޔެކެވެ.

ވިސްނުމާއި ފިކުރަށް ބަދަލު ގެންނަ ނަފްސާނީ ބައްޔެއް!

ބޮޑީ ޑިސްމޯފިކް ޑިސްއޯޑާއަކީ، ތިބާގެ ހަށިގަނޑުގައި ނުހުންނަ، ނުވަތަ ވަރަށް ކުޑަކޮށް ހުންނަ އުނިކަމަކާ މެދު މާ ބޮޑަށް ވިސްނައި، އެކަމާ ކަންބޮޑުވެ ހާސްވެ އުޅުމަށް ކިޔާ ނަމެވެ. ތިބާގެ ހަށިގަނޑުގައި އުނިކަމެއް ހުންނަ ކަމަށް ހީކޮށް، އެކަމެއް އެހެން މީހުންނަށް ފެނިދާނެތީ އެކަމާ ކަންބޮޑުވެ އުޅޭ އުޅުމެވެ. މިއީ ނަފްސާނީ ބައްޔެކެވެ. މި ބަލި، ނުވަތަ ހާލަތު ދިމާވެފައިވާ ފަރާތްތަކުން، ދުވާލަކު އެތައް ގަޑި އިރަކު ވެސް ހަށިގަނޑު ހުންނަ ގޮތާއި، ނުވަތަ ހަށިގަނޑުގައި ހުރި ކަމަށް ހީކުރެވޭ އުނިކަމާ މެދު ވިސްނައި ފިކުރު ކުރެވެ އެވެ. އަދި މިކަމާ މެދު ހާސްބޮޑުވެ އުޅޭ އުޅުމުގެ ނަތީޖާއަކަށް، އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ބައެއް ކަންކަން ކުރުމުގައި ބުރޫ އަރާ ފަހަރު ވެސް އާދެ އެވެ. އަދި މި "އުނިކަމެއް" ރަނގަޅު ކުރުމަށް ތިބާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެކަން ތިބާގެ ނަޒަރުގައި ހައްލުވާ ތަނެއް ދުވަހަކު ވެސް ނާދެ އެވެ. ބޮޑީ ޑިސްމޯފިކް ޑިސްއޯޑާ އަށް "ޑިސްމޯފޮފޯބިއާ" އޭ ވެސް ކިޔައި އުޅޭ އެވެ. މާނައަކީ، ހަށިގަނޑުގައި އުނިކަމެއް ހުރެދާނެތީ ގަންނަ ބިރެވެ.

އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓާ އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެބަލި ޖެހިފައިވާ ފަރާތްތަކުން ހަށިގަނޑުގައި ހުންނަކަމަށް ގަބޫލުކުރެވޭ ކުޑަ އައިބަކާ އެކު ވެސް އެގޮތަށް ދިމާވެދާނެ ކަމަށެވެ. އެކަން ދިމާވުމުގެ ސަބަބުން އެކަމާއި މާބޮޑަށް ވިސްނޭނެ ކަމަށް ސައުދާ ވިދާޅުވި އެވެ.

"އަމިއްލައަށް އަމިއްލަ ހަށިގަނޑު އެމީހުންނަށް އިމޭޖްކުރެވޭނީ ވަރަށް ހަޑިކޮށް، އެމީހުންނަށް އެކަން ފާހަގަކޮށްދޭނީ ކޮންމެވެސް އެހެން މީހެއް، މީހަކު ފާހަގަކޮށްދިނުމަށް ފަހު އޭނާ އެކަމާ އޮބްސެސްވާނީ." ސައުދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެބަލީގެ ސަބަބުން އެކަން ކުރިމަތިވެފައިވާ މީހާ ޑިޕްރެޝަންގެ ތެރެއަށް ވެއްޓިގެންދެ އެވެ. ހަމައެއާ އެކު މީހުން އެއްވާ ތަންތަނަކަށް ނުދިއުމާއި އެކަހެރި އުޅުމުގެ އިތުރުން އެހެން މީހުންނަށް ނުފެނިއުޅެން މަސައްކަތް ފަށަ އެވެ. އެބަލީގެ ސަބަބުން އެހެންކަންކަމަށް ވަގުތު ނުދެވި މީހާ އާންމު ދިރިއުޅުމުގައި ވެސް މައްސަލަތައް ކުރިމަތިވާ ކަމަށް ސައުދާ ވިދާޅުވި އެވެ.

އަވަހަށް ފަރުވާ ހޯދާ!

މިކަން ދިމާވާ ފަރާތްތަކުން ފުރަތަމަ އަމަލު ކުރަން ޖެހޭ ކަމަކީ މިއީ ބައްޔެއްކަން ގަބޫލުކުރުމެވެ. އެއާ އެކު ފަރުވާއަށް އަވަސްވުމެވެ. ސައުދާ ވިދާޅުވި ގޮތުގައި އެބަލިން އަރައިގަންނަން ބޭނުންވާ ފަރާތްތަކަށް ކޮގްނަޓިވް ބިހޭވިއާ ތެރަޕީ ދީގެންނާއި ކައުންސިލިން ދީގެން އެކަމުން ސަލާމަތް ކުރެވޭނެ އެވެ.

އިސްވެ މިފާހަގަކުރީ ވެސް އެތައް ބަޔަކަށް ދިމާވެފައިވާ ނަފްސާނީ މައްސަލައެކެވެ. މީހުން ފާހަގަކުރާ އެފަދަ މައްސަލަތަކާއި މެދު މާބޮޑަށް ވިސްނައި އެކަމުން އަރައިނުގަނެވޭ ހިސާބަށް ކަންކަން އެވަނީގޮސްފަ އެވެ. މިއީ ވަރަށް ވޭން ތަހައްމަލް ކުރަން ޖެހޭ ބައްޔަކަށްވާއިރު އަަހަށް އަޅަން ޖެހޭ ފިޔަވަޅަކީ އަވަހަށް ފަރުވާ ހޯދުމެވެ.

----------------------------------------------------------------------------

ނޯޓް: މިއީ ނަފްސާނީ އެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ސީރީޒެއްގެ ގޮތަށް ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ގެނެސްދޭ ރިޕޯޓްތަކެއްގެ ތެރެއިން ހަތް ވަނަ ރިޕޯޓެވެ. މި ސީރީޒު ނިމެންދެން ކުރިއަށް އޮތް ކޮންމެ ހަފްތާއެއްގައި މިފަދަ ރިޕޯޓެއް ގެނެސްދެވޭނެ އެވެ.

މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.