ވެލާ ހިފި ކަމުގެ ތުހުމަތުގައި ތިން މީހަކު ލ. އަތޮޅުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ ތިން މީހުން ހައްޔަރުކުރީ ލ. ބޮކިފުށި ނަމަކަށް ކިޔާ ފަޅު ރަށަކުން ކަމަށާއި އެ ތިން މީހުންނަކީ ވެސް ދިވެހިން ކަމަށެެވެ. އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ވަނީ ދާއިމީ ގޮތެއްގައި ހިމާޔަތްކޮށްފައެވެ.

މިހާތަނަށް ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ފާހަގަކުރެވިފައި ވަނީ ފަސް ވައްތަރެއްގެ ވެލާ ކަހަނބެވެ. އެއީ،

  • ވެލާ

  • ކަހަނބު
  • ވާވޮށި ވެލާ
  • ބޯބޮޑު ވެލާ
  • މުސިންބި

ވެލާ ކަހަނބު ހިމާޔަތްކުރުމާ ގުޅިގެން ކުރުން މަނާ ކަންތައް

  • ވެލާ ކަހަނބުގެ ބާވަތްތައް ހިފުން

  • ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާ ކުރުން
  • ވެލާ ކަހަނބު ގެންގުޅުން
  • ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން
  • ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން
  • ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުން