09 Apr 2016, 18:29
ނިއު ދިއްލީ (އޭޕްރިލް 9): ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގައި ވަގުތު ސަލާމަތް ކުރައްވަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފްލައިޓުން ދަތުރު ކުރައްވަނީ ރޭގަނޑު ކަމަށާއި، އަގު ބޮޑު ހޮޓާތަކުގައި ހުންނެވުމުގެ ބަދަލުގައި އަވަހާރަފުޅު ލައްޕަވަނީ ފްލައިޓުގައި ކަމަށް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 30 އިން މިމަހުގެ ދޭކަށް މޯދީ ވަނީ ބެލްޖިއަމްއަށާއި އެމެރިކާއަށާއި ސައުދީ އަރަބިއާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެދަތުރުފުޅުގެ ތިން ރޭ މޯދީ ހޭދަ ކުރެއްވީ އެއާ އިންޑިއާ ވަން ފްލައިޓުގަ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
"[އިންޑިއާގެ] ބޮޑު ވަޒީރަކު އެމެރިކާއަށް ވަޑައިގަންނަވާ ދަތުރުފުޅެއް އެންމެ 97 ގަޑި އިރު ތެރޭ ނިންމާލެއްވުމަކީ މީގެ ކުރިން ވެފަ އޮތް ކަމެއް ނޫން. ބޮޑުވަޒީރު ފްލައިޓުގައި އަވަހާރަފުޅު ނުލެއްޕެވި ނަމަ، އަޅުގަނޑުމެންނަށް އަނބުރާ އާދެވޭނީ މަދުވެގެން ހަ ދުވަސް ފަހުން،" އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންހު، ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތައް ދިގު ވާނެ އެވެ. ނަމަވެސް، "އެއްވެސް ބޭނުމެއް ނެތް ގޮތުގައި ހޮޓާތަކުގައި ރޭ ހޭދަކުރުން" މަދު ކުރުމުގެ ގޮތުން އެވަގުތުތައް ފްލައިޓުން ދަތުރު ކުރުމަށް މޯދީ ހޭދަކުރެއްވުމުން، މިހާރު ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް ކުރުވެ، މަސައްކަތް ބުރަވެފައިވާ ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވި އެވެ.
"ބޭރު ގައުމެއްގެ ހޮޓަލެއްގައި މޯދީ ރޭގަނޑު މަޑު ކުރައްވަނީ އަނެއް ދުވަހު އެގައުމުގަ އިތުރު ކަމެއް އޮތް ނަމަ،" އޮފިޝަލަކު ވިދާޅުވި އެވެ.
މޯދީ ބޮޑުވަޒީރަކަށް ވެވަޑައިގަތް ފަހުން އޭނާ ވަނީ 20 ދަތުރު ކުރައްވައި 40 ގައުމަކަށް ޒިޔާރަތް ކުރައްވާފަ އެވެ. އެ މުއްދަތު ތެރޭގައި ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހު ކުރައްވާފައި ވަނީ 18 ގައުމަކަށް 15 ދަތުރުފުޅެކެވެ. (ޓައިމްސް އޮފް އިންޑިއާ)