11 Apr 2016, 09:19
ނިއުދިއްލީން: އަހުމަދު ސާއިލް އަލީ
ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ވަރުގަދަ ގުޅުމެކެވެ. މިއީ ގުޅި ލާމެހިފައިވާ ދެ ގައުމެވެ. ދެ ގައުމުގެ ސަލާމަތަށް އެއްބަޔަކު އަނެއް ބަޔެއްގެ އެހީތެރިކަން ބޭނުންވާ ދެ ގައުމެވެ. ކަން މިހެން އޮތް އިރު މިއީ އަނެއްކާ ވެސް މި ދެ ގައުމުގެ ތާރީހުގައި ހާއްސަ ދުވަހެކެވެ. އެއީ ރާއްޖޭގެ ރައީސް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅާއެކު ދެން ހިނގާނެ ތާރީހީ ކަންކަމެވެ.
ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަނީ ވަރަށް ވެސް ހަލަބޮލިވެފަ އެވެ. ހަމައެއާ އެކު ބޭރުގެ ފިއްތުންތައް ރާއްޖެއާ ދިމާލަށް ވަނީ މިސްރާބު ޖަހައިފަ އެވެ. މިކަންކަމަށް ރާއްޖެ އިންޑިއާގެ އެހީ ބޭނުންވެ އެވެ. ރައީސް ޔާމީން އިންޑިއާ އަށް މިކުރައްވާ ދަތުރުފުޅުގެ ބޭނުމަކީ ކޮބައިތޯ އެވެ؟
ކޮމަންވެލްތުގެ ފިއްތުންތަކުގެ އެހީއަކަށްތަ؟
ގާނޫނީ ހުކޫމަތު ހިންގުމާއި ބާރުތައް ވަކިކޮށްފައި ބޭއްވުން ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ގައުމުތަކަށް ރާއްޖޭން އަމަލު ނުކުރާ ނަމަ ރާއްޖެ އެޖަމާއަތުން ސަސްޕެންޑް ކުރަން ކޮމަން ވެލްތު ހިއުމަން ރައިޓްސް އިނިޝިއޭޓިވް (ސީއެޗްއާރުއައި) އިން ވަނީ ހުށައަޅައިފަ އެވެ. ހަމައެއާ އެކު ރައީސް މުހައްމަދު ނަޝީދުގެ މައްސަލާގައި ވެސް ކޮމަންވެލްތުގެ ފިއްތުންތައް ރާއްޖެ އަށް މިވަނީ ކުރިމަތިވެފަ އެވެ.

ދިއްލީ އެއާޕޯޓުން ރައީސް ޔާމީން އަށް މަރުހަބާ ދަށްނަވަނީ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
އިންޑިއާއަކީ ކޮމަންވެލްތުގައި ބާރު ގަދަ ގައުމެކެވެ. ގައުމުތަކާ މެދު ފިޔަވަޅުއަޅާ ސީމެގްގެ 8 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެެހެން ކަމުން އިންޑިއާގެ އެހީތެރިކަން ރާއްޖެ އަށް ލިބުމަކީ އެފިއްތުންތަކުން އަރައިގަތުމަށް ލިބޭނެ ބޮޑު އެހީއަކަށްވާނެ އެވެ.
މިދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އެފަދަ މަޝްވަރާއެއް ކުރިއަށްދާނެކަން ޔަގީން ނުވިނަމަވެސް މިދުވަސްވަރަކީ އެކަމަށް ސަރުކާރުން އިސްކަންދޭ ދުވަސްވަރެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޕެޓްރީޝާ ސްކޮޓްލެންޑާ ބައްދަލުކުރެއްވުމަށް އިނގިރޭސި ވިލާތައް ވަޑައިގަތުން ހިމެނެ އެވެ.
ދެ ގައުމުގެ ގާތްގުޅުން ބަދަހިކޮށްލާނެ ދަތުރެއް
އިންޑިއާއަކީ ރާއްޖެއާއި ސިޔާސީ ގުޅުން ގާއިމްކުރި ތިން ވަނަ ޤައުމެވެ.. ހަމައެހެންމެ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ގާއިމްވެފައިވާ ދެ ގައުމެވެ. މިދިޔަ އަހަރަކީ ދިވެހިރާއްޖެ އާއި އިންޑިއާ އިން ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުނު އަހަރެވެ. އެހެންކަމުން މިދަތުރުފުޅަކީ ދެ ގައުމުގެ ވެރިން ބައްދަލުކުރެވި ގުޅުން އިތުރަށް ބަދަހި ވެގެންދާ ދަތުރަކަށް ވެގެންދާނެ އެވެ.
މިދަތުރުފުޅުގައި އިންޑިއާގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.
މިބައްދަލުވުންތަކުގައި އާދައިގެމަތިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށްބެލެވެ އެވެ. ހަމައެއާ އެކު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އަބްދުﷲ ޔާމީން، ފުރަތަމަ ރާއްޖެ އިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ހާއްސަ ކުރެއްވީ 2014 ވަނަ އަހަރުގެ ޖަނަވަރީ މަހު އިންޑިއާ އަށެވެ. ހަމަ އެއަހަރު މޭމަހު އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. މިއަދު ރައީސް ޔާމީން އިންޑިއާ އަށް މިކުރެއްވި ދަތުރުފުޅަކީ އެމަނިކުފާން އިންޑިއާ އަށް ކުރައްވާ ތިން ވަނަ ރަސްމީ ދަތުރުފުޅެކެވެ.