09 Apr 2016, 15:42
ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވޭނެ ކަމަށާއި އޭނާގެ ކުރިމަގު ވަރަށް އުޖާލާ ވާނެ ކަމަށް އިޓަލީ ލެޖެންޑް އެލެސެންޑްރޯ ޑެލް ޕިއޭރޯ ބުނެފި އެވެ.
އުމުރުން 24 އަހަރުގެ ނޭމާ، ބާސާއާ ގުޅުނު ހިސާބުން ފެށިގެން އެ ކްލަބުގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބާސާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ސްޕެނިޝް ލަލީގާ އާއި، ކޮޕާ ޑެލްރޭ އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ.
"ނޭމާ އަކީ އަދި ވަރަށް ޒުވާން ކުޅުންތެރިއެއް. މެސީ އާއި ރޮނާލްޑޯ، އެ އުޅެނީ އެ ކުޅުންތެރިންގެ ކެރިޔަރުގެ އެންމެ އުހުގައި. ނޭމާގެ ކުރިމަތީގައި ވަރަށް ކާމިޔާބު ކުރިމަގެއް އެބަ އޮތް. އޭނާއަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް،" ޑެލް ޕިއޭރޯ ބުންޏެވެ.
ޑެލް ޕިއޭރޯ ބުނީ، ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކީ ކޮން ކުޅުންތެރިއެއްތޯ އެހުމުން އެ ސުވާލަށް ދުވަހަކު ވެސް ޖަވާބު ދެވިފައި ނުވަނީ އެ ސުވާލަކީ ޖަވާބުދޭން ވަރަށް އުނދަގޫ ސުވާލަކަށް ވާތީ ކަމަށެވެ. މެސީ އާއި ރޮނާލްޑޯ އަކީ ވެސް ވަރަށް މޮޅު ދެ ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.
ޑެލް ޕިއޭރޯ އަކީ ޔުވެންޓަސް އަދި އިޓަލީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއެކެވެ.