ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަމަލުތައް ބަހައްޓަންވީ އަހްލާގީ މިންގަނޑެއް (ކޯޑް އޮފް ކޮންޑަކްޓް) އެކުލަވާލައި، އެ މިންގަނޑަށް މެމްބަރުންގެ ޚިޔާލު ހޯދަން ފަށައިފި އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާ އެކުލަވާލި އެ މިންގަނޑުގައި ބުނާ ގޮތުން، ޕާލަމެންޓުގެ މެމްބަރުން އެހެން މީހެއްގެ އަބުރަށް އަރައިގަނެ، އެހެން މީހަކަށް ބިރު ދެއްކުން ފަދަ ކަމެއް ކޮށްގެން ނުވާނެ އެވެ. އަދި މެމްބަރުންނަކީ ޒިންމާދާރު، ތަހުޒީބީ ބައެއް ކަމަށާއި އެމީހުން ބޭނުންކުރަން ޖެހެނީ މަގާމާ އެއް ފެންވަރުގެ ބަހުރުވަ ކަމަށް ވެސް ކޯޑް އޮފް ކޮންޑަކްޓްގައި ވެ އެވެ.

އަދި މެމްބަރުން ދައުލަތުގެ ފައިސާއާއި މުދަލާއި ވަސީލަތްތައް ބޭނުންކުރަން ޖެހޭނީ އާންމު ރައްޔިތުންގެ މަސްލަހަތަށް އެކަނި ކަމަށް ވެސް އޭގައި ބުނެފައި ވެ އެވެ.

އެ ކޯޑް އޮފް ކޮންޑަކްޓް މަޖިލީހުން ފާސްވެއްޖެ ނަމަ، ވެގެން ދާނީ މަޖިލީހުގެ މެމްބަރުންގެ އާންމު ގަވައިދުގެ ތެރެއިން އަންނަ މިންގަނޑަކަށެވެ.