ތަކެތީގެ އަގު ހަމަ އަގުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތަކެއް ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ރޭ ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އިގްތިސާދަށް އަންނަ ބަދަލުތަކާއި ފައިސާ ދައުރުވާ މިންވަރު އިތުރުވާ މިންވަރަކުން ތަކެތީގެ އަގާއި ޑޮލަރުގެ އަގު ވެސް އުފުލޭނެ ކަމަށެވެ. އެކަމަކު ރާއްޖޭގައި ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން އެކަމާ ނުގުޅޭ ކަންތައްތަކުގައި ވެސް އާންމު ބައެއް ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑު ކުރަމުންދާ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. އަދި އެކަން ހުއްޓުވުމަށް ކުރެވޭނެ ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތަކެތީގެ އަގު ހަމައަގުގައި ރައްޔިތުންނާއި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ޓަކައި މި ޕާޓީން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ މީގެ ކުރިން ވެސް ކަމަކާ ނުލައި ބައެއް ތަކެތީގެ އަގު އާންމު ވިޔަފާރިވެރިން ބޮޑު ކުރުމުން އެސްޓީއޯ މެދުވެރިކޮށް އެފަދަ މުދާ ގިނަ އަދަދަކަށް ގެނެސް ޑިސްޓްރިބިއުޓް ކުރުމުން އާންމު ވިޔަފާރިވެރިންނަށް ވެސް އެ ތަކެތީގެ އަގު ތިރި ކުރުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. މިހާރު ވެސް އެގޮތަށް ކަންތައް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމުގައި މިއަދު އެސްޓީއޯގެ އިސްވެރިންނާ ބައްދަލު ކުރާނެ ކަމަށް ވެސް ޑރ. ޑީޑީ ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޑީޑީ ވިދާޅުވީ ހަގީގަތާ ހިލާފް ވާހަކަތަކެއް ދައްކައި މަގުމައްޗަށް އެއްވެ ބަޔަކު ހަމަނުޖެހުން ހިންގަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ސުލްހަވެރި މުޒާހަރާއެއް ކުރާ ނަމަ އެމްޑީޕީއަށް އެކަން ގަބޫލު ކުރެވޭނެ ކަމަށާއި އެކަމަކު ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންތައް ކުރާނަމަ އެމްޑީޕީން ވެސް މަޑުން ނުތިބޭނެ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

"މިއަދު އޮޕޮޒިޝަން ޕާޓީތަކުގައި ތިއްބެވި ބޭފުޅުން މިހާރަށް ވުރެ ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރައްވާށޭ. އަޅުގަނޑުމެންނަށް ހަޖަމު ކުރެވޭނެއޭ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް. އެކަމަކު އެ ހަރަކާތްތައް ވާންޖެހޭނީ ފަހިވެފައިވާ ހުދޫދުގެ މިންގަނޑުތަކުގެ ތެރޭގައި. ގާނޫނާއި ގަވާއިދު އަމަލުތަކެއް ހިންގައި އާންމު ދިރިއުޅުމަށް އުނދަގޫވާ ފަދަ ގޮތަކަށް މަގުމަތީގައި މާރާމާރީތައް ހިންގާ ނަމަ އަޅުގަނޑުމެން މަޑަކުން ނުތިބޭނަން،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވާހަކަ ދައްކަވަމުން ވިދާޅުވީ ޑޮލަރުގެ މައްސަލަ އާއި އިގްތިސާދަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދު ދަށަށް ދާންޖެހުމުގެ ސަބަބުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާ އަދާނުކޮށް އިޖްތިމާއީ އެކި މައްސަލަތަކުގެ ތެރެއަށް ވަނުން ވެސް ހިމެނޭ ކަމަށެވެ.

އިނާޒް ވިދާޅުވީ ޑޮލަރުގެ އަގު 10ރ. އަށް ތިރިކުރާނެ ކަމުގެ ވާހަކަ ސަރުކާރުން ދައްކަނީ އެއްގޮތަކަށް ވެސް ޖޯކަކަށް ނުވަތަ އެކަން ނުކުރެވޭނެ ކަމަކަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޑޮލަރުގެ އަގު 10ރ. އަށް ތިރިކުރެވޭނެ ކަމަށާއި ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެކަން ވާނެ ކަމަށެވެ.