ތ. އަތޮޅު (ކޮޅުމަޑުލު) ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ވިލުފުށި ޓީމުން ހޯދައިފި އެވެ.

ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ސެމީގެ ޖާގައެއް ވިލިފުށިން ހޯދީ އިއްޔެ ކުޅުނު މެޗުގައި ދިޔަމިގިލި އަތުން މޮޅުވެގެންނެވެ.

އިއްޔެ ކުޅުނު މެޗުގައި ދިޔަމިގިލީގެ މައްޗަށް ވިލިފުށި ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ވިލިފުށިން ގެންދިޔައީ 25-17، 25-16 އަދި 25-21 އިންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިލުފުށި ޓީމުގެ އަހްމަދު ނައީމެވެ. އޭނާއަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮންމަނިކެވެ.

އެ މުބާރާތުގެ ސެމީއަށް ދަތުރުކުރި ތިން ޓީމު ވެސް މިހާރު ވަނީ ކަށަވަރުވެފަ އެވެ. ވިލުފުށީގެ އިތުރުން ދެން ސެމީއަށް ދަތުރުކުރީ މަޑިފުށްޓާއި ހިރިލަންދޫ އެވެ.

މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ސެމީގެ ފުރަތަމަ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ހިރިލަންދޫ އާއި މަޑިފުށްޓެވެ. މިއަދުގެ މެޗުން ބަލިވާ ޓީމު ސެމީގެ ދެވަނަ މެޗުގައި ވިލިފުށްޓާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، މިއަދުގެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާނެ އެވެ. މާދަމާ ކުޅޭ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.

ތ. އަތޮޅު ވޮލީ މުބާރާތުގައި ވިލިފުށްޓާއި ދިޔަމިގިލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް ވިލިފުށިން ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައި --

ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް، "ކޮޅުމަޑުލު ވޮލީ ޓޯނަމެންޓް 2016" ފެށިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މުބާރާތުގައި އެ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލުފުށްޓާއި، މަޑިފުށްޓާއި، ދިޔަމިގިލި އަދި ހިރިލަންދޫ އެވެ.

ދެ ޑިވިޝަން ހިމެނޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވި އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމެވެ. އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ވިލުފުށްޓާއި، މަޑިފުށި އަދި ދިޔަމިގިއްޔެވެ. މުބާރާތުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް ފިރިހެން ޓީމެއް ބައިވެރިވެފައިވެ އެވެ.

އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާއި، އެއް ވަނަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިން އަދި ބިދޭސީ ކުޅުންތެރިންވެސް ކުޅެމުންދެ އެވެ.

ފިރިހެން ޑިވިޝަނަށް ބަލައިލާއިރު، ދިޔަމިގިލީ ޓީމަށް ކުޅެމުންދާ އިޝާން މުހައްމަދު (ބަޓިސް) އާއި އެޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)، ހިރިލަންދޫ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އާއި ހަމަ އެޓީމުގެ އަޝްފާގު އާދަމް (އައްކެޅޭ)، މަޑިފުށި ޓީމުގެ އަހުމަދު ފާޒިލް އާއި ސްރީލަންކާ ކުޅުންތެރިޔާ ޕްރަމޭޝް ސިންގް، ވިލުފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަޝިނީ ހަކްޝިކާ ސެނަރަތުނާ އާއި އެޓީމުގެ އަލީ ހުޒާމް އަދި ހަމަ އެޓީމުގެ މުހައްމަދު ޝާއިން ފާހަގަކޮށްލެވެ އެވެ.

އަންހެން ޑިވިޝަނުން މަޑިފުށި ޓީމުގެ ހައްވާ ރަޝީދާއާއި، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތިލިނީ ވަސަން ޕެރޭރާ އާއި، ދިޔަމިގިލި ޓީމުގެ އައިޝަތު ޝައްފަ އަދި ހަމަ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ދިނޭޝާ ޕްރަސަދަނީ ފާހަގަކޮށްލެވެ އެވެ.