އެކި ގޮތްގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާއެކު މަސައްކަތް ކުރާ ދިވެހީންނާ މެދު، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު މެދުވެރިކޮށް މި ފެށޭ ހަފްތާގައި ފިޔަވަޅު އަޅާން ފަށާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްއިން މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއާ ދިމާލަށް އެކިއެކި ތުހުމަތުތަކުގެ އިނގިލި ދިއްކުރަމުންދާ ކަމަށާއި، ދިވެހީންނަކީ ދީނީ ގޮތުން ހައްދު ފަހަނަ އެޅި ބައެކޭ ވެސް ކިޔަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެފަދަ މަސައްކަތްތަކެއް ބަޔަކު ކުރަމުން ދަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަން އެނގޭތީ ރާއްޖެއަށް ނުފޫޒު ފޯރުވަން ޔަހޫދީން އަޑީގައި ތިބެގެން ކަމަށާއި، މިކަމުގައި ސަރުކާރަށް ނުފޫޒު ފޯރުވުމަށް ސިޔާސީ ކުލަވަރު ވެސް ޖައްސަމުންދާ ކަމަށޭވެ.

"އަޅުގަނޑުމެންގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަ އަޅާ ދިޔުން ނުވަތަ ލާދީނީ ގޮތުން މަސައްކަތް ކުރާ ކަމަށް ވިޔަސް، ނުވަތަ އެއްވެސް ގޮތަކަށް، ސިޔާސީ އަދި އިޖްތިމާއީ ގޮތުން ވިޔަސް ރެޑިކަލައިޒް ވެގެން އުޅޭ މީހުން ފާހަގަކޮށް، އެބޭފުޅުންނަށް ދޭންޖެހޭ ކައުންސެލިން ދީ، ކުރަންޖެހޭ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން ދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ރާޢްޖޭގެ އެއްވެސް ބަޔަކު މިފަދަ ކަމެއްގައި ބައިވެރިވާ ނަމަ އެކަންކަން، ފުލުހުންނާއި އެމްއެންޑީއެފާ ގުޅިގެން ހުއްޓުވާނެ ކަމަށެވެ.

"އަންނަ ހަފްތާއިން ފެށިގެން، އެކަންކަމުގައި ރާއްޖޭގެ އެއްވެސް ބަޔަކު އިންވޯލްވް ވެގެން މަސައްކަތް ކުރާނަމަ، އެކަންކަން ހުއްޓުވުމަށް އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ މުހިންމު މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.