09 Apr 2016, 12:39
ދިވެހި ރާއްޖެއަށް ބަންގްލަދޭޝްއިން ވެލި އިމްޕޯޓު ކުރުމާ ބެހޭ ގޮތުން، އެ ގައުމުގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު އެ ގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރައްވައިފި އެވެ.
ބަންގްލަދޭޝްގެ ބީޑީ ނިއުސް 24 އިން ރިޕޯޓު ކުރި ގޮތުން، ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ޑރ. މުހައްމަދު އާސިމް އަންގާރަ ދުވަހު ވަނީ، އެ ގައުމުގެ ސްޓޭޓު މިނިސްޓަރ ފޯ ފޮރިން އެފެއާޒް އެމްޑީ ޝާހްރިއާރ އާލަމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ރާއްޖެ އާއި ބަންގްލަދޭޝާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވައިފަ އެވެ. މީގެ އިތުރުން، ދިވެހި ސަފީރު އާސިމް ވަނީ، ބަންގްލަދޭޝްއިން ރާއްޖެއަށް ވެލި އިމްޕޯޓު ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަން 2014 ވަނަ އަހަރު ބަޖެޓުގެ ދަތިކަމާއި ހުރެ ބަންދުކޮށް، އެގައުމުގައި ހުންނެވި ސަފީރު ވެސް ރާއްޖެއަށް އަނބުރައި ގެނައި އިރު، އެ ހައިކޮމިޝަން އަލުން ހުޅުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަން ބަންދުކޮށްފައި ހުރި އިރު، އެ ހައިކޮމިޝަނުގެ މަސައްކަތްތައް ކުރަމުން ދިޔައީ އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުންނެވެ.