09 Apr 2016, 12:12
އިރުގެ އަލިން ލިއްބައިދޭ ވިޓަމިން ޑީ އަކީ ހިތުގެ ބަލިތަކަށް ފަރުވާއެއް ކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
"ދަ ލީޑްސް ޓީޗިން ހޮސްޕިޓަލް"ގެ ޓީމަކުން ހިތުގެ ބަލިތަކުގައި ދިރިއުޅެމުން އަންނަ 163 މީހުން ހިމަނައިގެން ކުރިއަށް ގެންދިޔަ ދިރާސާ އިން ދައްކާފައިވާ ގޮތުން، ވިޓަމިން ޑީގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުކޮށް ދިނުމަށް ފަސޭހަވެ އެވެ.
ދިރާސާގައި ބައިވެރިކުރި މީހުންގެ އެވްރެޖް އުމުރަކީ 70 އަހަރު ކަމަށްވާ އިރު، އެންމެ ހޫނު މޫސުމުގައި ވެސް އެމީހުންގެ ހަށިގަނޑުގައި ވިޓަމިން ޑީ ހުންނަ މިންވަރު ދަށެވެ.
އެހެންކަމުން ދިރާސާ ކުރިއަށް ގެންދިއުމަށް އެ ދިރާސާގައި ބައިވެރިވި ކޮންމެ މީހަކަށް އެއް އަހަރު ވަންދެން ކޮންމެ ދުވަހަކު 100 މައިކްރޯގްރާމުގެ ވިޓަމިން ޑީ ގުޅައެއް ވަނީ ދީފަ އެވެ. އެއަށް ފަހު ކޮންމެ ވިންދަކާ އެކު ޕަމްޕު ކުރާ ލޭގެ މިންވަރު ވަނީ ބަލައިފަ އެވެ.
ވިޓަމިން ޑީ ގުޅަ ކެއުމުން ހިތުން ލޭ ޕަމްޕު ކުރާ މިންވަރު 26 ޕަސެންޓާ 34 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ދިރާސާ އިން ވަނީ ދައްކާފަ އެވެ.
"އުމުރުން ދުވަސްވުމުން ގެއިން ބޭރުގައި އުޅޭ ވަގުތަށް ވުރެ ގިނަ ވާނީ ގޭތެރޭގައި އުޅޭ ވަގުތު. އެހެންވީމަ އަވިން ހަށިގަނޑަށް ލިއްބައިދޭ ވިޓަމިންޑީގެ މިންވަރު އުމުރު މައްޗަށް ދާވަރަށް ދާނީ ދަށަށް. އެކަމަކު އެއީ ކީއްވެ ކަމެއް އަދި ނޭނގޭ،" ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ކްލޯސް ވިޓް ބުނެފައިވެ އެވެ.
ދިރާސާ ކުރި ޓީމުން ވަނީ، އެ ނަތީޖާ އަކީ ހައިރާންވާ ކަހަލަ ނަތީޖާއެއް ކަމަށް ބުނެފަ އެވެ. ދިރާސާގެ ނަތީޖާއާ ގުޅިގެން ބްރިޓިޝް ހާރޓް ފައުންޑޭޝަނުން ވަނީ ދިރާސާ އިތުރު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.
ވިޓަމިން ޑީ އަކީ ކަށި ވަރުގަދަ ކުރުމަށާއި ދަތްތަކަށް އަދި ހަށިގަނޑަށް ވެސް ބޮޑެތި ފައިދާތަކެއް ލިއްބައިދޭ މާއްދާއެކެވެ.
"މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އަގުބޮޑު ޓުރީޓްމަންޓުތަކުން ވެސް ލިބޭނެ ފެންވަރުގެ ކުރިއެރުމެއް މިއީ. މިއީ އެހާ އަގުހެޔޮ އަދި ސައިޑް އިިފެކްޓެއް ވެސް ނުފެންނަ ފަރުވާއެއް. ފާއިތުވި 15 އަހަރުގައި ވެސް މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރު މިއީ،" ޑޮކްޓަރު ބުންޏެވެ.
ދިރާސާ އިން ދެއްކި ގޮތުން، ވިޓަމިންޑީ ގުޅަ ބޭނުންކުރަން ފެށުމުން، ހިތުގެ މައްސަލަތައް ހުންނަ މީހުންގެ ހިތުގެ ސައިޒު ކުޑަވެ، ލޭ ޕަމްޕު ކުރުން އިތުރުވެގެންދެ އެވެ.
ދިރާސާގެ ސަބަބުން ހިތުގެ ބަލިތަކަށް އެކަށީގެންވާ ފަރުވާއެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް ވިޓަމިން ޑީގެ ޑޯޒް ދިނުމަށް އަދި ޑޮކްޓަރުން ތަރުހީބެއް ނުދެ އެވެ. ޑޮކްޓަރުން ބުނަނީ ވަރަށް ފުޅާކޮށް ދިރާސާއެއް ކުރިއަށް ގެންގޮސް، ވިޓަމިން ޑީ އިން ހިތުގެ ބަލިތަކަށް ފަރުވާ ކުރެވޭ ސަބަބު ހޯދަން ޖެހޭ ކަމަށެވެ.
ހަށިގަނޑުގެ ކޮންމެ ސެލްއެއް ވެސް ވިޓަމިން ޑީ އަށް "ރެސްޕޯންޑް" ކުރާ ކަމަށް ވަނީ ބެލެވިފަ އެވެ. އެންމެ ގިނައިން ހަށިގަނޑަށް ވިޓަމިން ޑީ ލިއްބައިދެނީ އިރުގެ އަވިންނެވެ. ނަމަވެސް މަހާއި، ބިހުގެ އިތުރުން ބައެއް ކަހަލަ ކާނާތަކުގައި ވެސް ގިނަ އަދަދަކަށް ވިޓަމިން ޑީ އެކުލެވިގެންވެ އެވެ. (ބީބީސީ)