އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޓާމިނަލް އެތެރެއާއެއްކޮށް ފެން ބޮޑުވެއްޖެ އެވެ.

މިއަދު 10:30 ކަންހާއިރު ކުރި ވިއްސާރައާއެކު އައިއެންއައިއޭގެ ޑޮމެސްޓިކް އާއި އިންޓަނޭޝަނަލް ޓާމިނަލަށް ވަންނަ ސަރަހައްދުގައި ވަނީ ފެން ބޮޑުވެފަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން، ހަސަން އަރީފް މިއަދު ވިދާޅުވީ ފެން ބޮޑުވެފައި ވަނީ މެއިލް ހޯލަކުން ފެން ލީކް ވުމުން ކަމަށާއި މިހާރު އެކަން ހައްލު ކުރެވިފައިވާ ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ފެންއެރިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ފެން ސާފްކޮށްފި، މިހާރު ވަނީ ހައްލުކޮށްފައި،" ހަސަން ވިދާޅުވި އެވެ.

އައިއެންއައިއޭގައި ފެން ބޮޑުވެފައިވާއިރު އެއެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.