ސްރީލަންކަން އެއާލައިނުން ދަތުރުކުރުމަށް ބިސްނަސް ކްލާސް ޓިކެޓެއް ނަގައި ނަމަވެސް ފަހުވަގުތު އައިބަދަލަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 81 ޑޮލަރު ސަރަނގު އާދަމް މަނިކަށް ދިނުމަށް ސްރީލަންކަން އެއާލައިންސްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި އެވެ.

މިދިއަ މަހުގެ 10 ވަނަ ދުވަހު ސިވިލްކޯޓުން ސްރީލަންކަން އެއާލައިންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ އެ މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އާދަމް މަނިކު ހުށަހެޅުމުންނެވެ. އާދަމް މަނިކު އެ މައްސަލަ ހުށަހެޅީ މީގެ ދެ އަހަރު ކުރިން 8 ޖުލައި 2014 ވަނަ ދުވަހު އެވެ.

އާދަމް މަނިކު ކުރި ދައުވާގައި ބުނެފައި ވަނީ ސްރީލަންކަން އެއާލައިނުން ދަތުރުކުރުމަށް ބިސްނަސް ކްލާހުން ޓިކެޓް ނަގައި ޗެކިން ވެގެން ފުރަން ކައިރިވެފައި ތިއްބާ ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓް ބަދަލުވެއްޖެ ކަމަށާއި ދަތުރު ބަދަލުވީ މިހިން ލަންކާ އަށް ކަމަށެވެ. އަދި އެއީ ސްރީލަންކަން އެއާ ލައިންސްގެ އިކޮނޮމީ ކްލާހަށް ވުރެ ފެންވަރުދަށް އެއާލައިނެއް ކަމަށް ވެސް ދައުވާގައިވެ އެވެ.

އެކަމުގެ ސަބަބުން ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލުގައި އެއް ޑޮލަރު އަދި ބިސްނަސް ކްލާހުން އިކޮނޮމީ ކްލާހަށް ބަދަލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ގޮތުގައި 30 ޑޮލަރާއި ވަކީލުފީ ހޯދައި ދިނުމަށް ދައުވާގައި އާދަމް މަނިކު ވަނީ އެދިފަ އެވެ.

އެ މައްސަލަ ބަލައި ސިވިލް ކޯޓުން ކުރު ހުކުމުގައި ބުނެފައި ވަނީ 20 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ދަތުރުކުރުމަށް އާދަމް މަނިކް ދަތުރުކުރަން ޓިކެޓް ނަގާފައިވާ ފްލައިޓު ކެންސަލަކޮށް މިހިން ލަންކާއަށް ބަދަލުވެފައިވާކަން އެދުވަހުގެ ހެނދުނު 10:14ގައި މެއިލްއަކުން އެ އެއާލައިންގެ މާލޭ މެނޭޖަރަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަން އާދަމް މަނިކަށް އެންގީ ފުރަން އެއާޕޯޓަށް ގޮސްފައި ހުޓައި ކަމުން އެއީ ސްރީލަންކަން އެއާލައިންސްގެ ކޮންޓެކްޓްގެ ބަޔަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

"ސްރީލަންކަން އެއާލައިންއާ އާދަމް މަނިކާ ދެމެދު ވެފައިވާ ކޮންޓްރެކްޓްގެ ބައެއްގެ ގޮތުގައި ހިމެނޭ ސްރީލަންކަން އެއާލައިންސްގެ ޖެނެރަލް ކޮންޑިޝަން އޮފް ކެރޭޖް އޮފް ޕަސެންޖަސް އެންޑް ބެގޭޖްގެ 91 ވަނަ މާއްދާއާ ހިލާފަށް ސްރީލަންކަން އެއާލައިނުން ކޮށްފައިވާ އަމަލެއް ކަމުގައި ކަނޑައަޅަން،" ހުކުމުގައި ބުނެފައިވެ އެވެ.

އާދަމް މަނިކު ނެގި ޓިކެޓްގެ ރިފަންޑެއްގެ ގޮތުގައި ފެއާ ޑިފަރެންސަށްވާ 81 ޑޮލަރު އާދަމް މަނިކަށް ސްރީލަންކަން އެއާލައިނުން ދޭންޖެހޭކަން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްޑޮލަރު ނަގައިދެވެން ނެތް ކަމަށް ކޯޓު ހުކުމުގައިވެ އެވެ. އިނގިރޭސި ވިލާތުގެ ހައިކޯޓުން ނިންމާފައިވާ ގަޒިއްޔާއެއްގައި ޖިސްމާނީ އަނިޔާއެއް ނުލިބި ހަމައެކަނި ނަފްސާނީ ގޮތުން ދިމާވާ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށް ވެސް ކޯޓު ހުކުމުގައި ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ކުރިން 81 ޑޮލަރު އާދަމް މަނިކަށް ދެއްކުމަށް ޓަކައި ސިވިލްކޯޓާ ހަވާލު ކުރުމަށް ކޯޓުން ކުރި ހުކުމުގައިވެ އެވެ.