ސިންގަޕޫރުގައި ބޭސްފަރުވާ ކުރައްވަން ވަޑައިގެން ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ބޭސްފަރުވާގެ ކަންތައް ނިމުމުން ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ނާޒިމްގެ ކޮއްކޯފުޅު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ ރާއްޖެ ވަޑައިނުގަންނަން ނާޒިމް ނޫޅުއްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގަތީ ރާއްޖެއިން ބޭސްފަރުވާ ނުކުރެވިގެން ޑޮކްޓަރުގެ އެދުމުގެ މަތިން ކަމަށާއި ބޭސްފަރުވާގެ ކަންތައް އަދި ނުނިމޭ ކަމަށެވެ.

"ބޭސްފަރުވާގެ ކަންތައް ނިމުނުހާ އަވަހަކަށް ކާނަލް ނާޒިމް ރާއްޖެ އެނބުރި ވަޑައިގަންނަވާނެ. ބޭސްފަރުވާ ނުނިމެނީސް ރާއްޖެ ވަޑައިގަތުމުން ކިހިނެތްތޯވާނީ. ރާއްޖެއިން ފަރުވާ ނުކުރެވިގެން ބޭރަށް ދިޔައީ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ނާޒިމް އެދިވަޑައިގަތް ނަމަވެސް މިހާތަނަށް އެކަމާ ގުޅޭގޮތުން އެ އިދާރާ އިން ޖަވާބެއް ދީފައިނުވާ ކަމަށެވެ.

ރާއްޖެއިން ބޭސްފަރުވާކުރަން ކާނަލް ނާޒިމަށް ދިން މުއްދަތު ކުރުކޮށްލުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ އޭނާ އަށް އަންގާފައެވެ. ކަރެކްޝަނަލް ސާވިސް އިން ބުނީ އެގޮތަށް އެންގީ ހޯމް މިނިސްޓްރީން އެގޮތަށް އެދުމުން ކަމަށެވެ.

ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރަން ކާނަލް ނާޒިމަށް ދީފައިވާ މުއްދަތު މިއަދަށް ހަމަވާނެއެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ އަކާއި ތިން ވަޒަން ފެނުނު ކަމަށް ބުނެ ފުލުހުންތަކެއް ހެކިބަސްދިނުމާ ގުޅިގެންނެވެ.