03 May 2011, 15:14
ހޮޓަލެއްގެ ތެރޭގައި ސައި ބޯން އިން މީހަކަށް ލަކުޑި ބުރިއަކުން ހަމަލާދިން ކަމަށް ބުނާ މައްސަލައެއްގެ ދައުވާ، ދެ މީހަކު މަރާލާފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރާ ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ދައުވާ އުފުލައިފި އެވެ.
މުޖްތަމައަށް ނުރައްކާތެރި ކަމަށް ބުނެ، ފުލުހުން މައުލޫމާތު ހާމަ ކުރި މީހުންގެ ތެރޭގައި ވެސް ހިމެނޭ ޝަހުމްގެ މައްޗަށް ކުރާ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ހެންވޭރުގައި ހުރި ހޮޓަލެއްގެ ތެރޭގައި މާޗް 31، 2010 ގައި ޝަހުމް އާއި އއ. ތޮއްޑޫ، ކާނޭޝަންމާގޭ، އަހުމަދު ނައީމާ ދެމީހުން ސައި ބޯން ތިއްބާ އެ ދެ މީހުންގެ ތެރޭގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ގާތްގަނޑަކަށް ތިން ފޫޓު ހުންނަވަރުގެ ލަކުޑި ފަތި ބުރިއެއް ހިފައިގެން ގޮސް ޝަހުމް ނައީމަށް ހަމަލާދީފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
އެހެންކަމުން ގާނޫނުލް އުގޫބާތުގެ 127 ވަނަ މާއްދާގެ ދަށުން ޝަހުމްގެ މައްޗަށް މީހަކު މަރާލެވިދާނެ ފަދަ އެއްޗަކުން މާރާމާރީ ހިންގުމުގެ ދައުވާ އުފުލީ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ދައުވާ އިއްވުމާ އެކު ޝަރީއަތުގެ މަޖިލީހަށް ބިޑި އަޅުވައިގެން ހާޒިރުކޮށްފައި ހުރި ޝަހުމް ބުނީ އޭނާ އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި ނައީމް ދަންނަންތޯ ގާޒީ އެއްސެވުމުން ޝަހުމް މިހާރު ހަނދާން ވެސް ނެތް ކަމަށެވެ.
ދައުވާ އަށް ޝަހުމް އިންކާރު ކުރުމުން ދައުލަތުން ވަނީ ޝަހުމް މާރާމާރީ ހިންގި ތަން ފެނުނު ކަމަށް ބުނާ މީހަކާއި އަނިޔާވި ނައީމްގެ މެޑިކޯ ލީގަލް ރިޕޯޓް ޝަރީއަތަށް ހުށަހަޅައިފަ އެވެ.
ގާނޫނުލް އުގޫބާތުގެ 127 ވަނަ މާއްދާގައި ބުނެފައި ވަނީ މީހަކު މަރާލެވިދާނެ ފަދަ އެއްޗަކާ އެކު މާރާމާރީ ހިންގައިފި ނަމަ އެފަދަ ކުށްވެރިއަކަށް ދޭނެ އަދަބަކީ 500ރ. އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށެވެ.
ޝަހުމަކީ މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިންގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެކެވެ. މީގެ އިތުރުން މިދިޔަ މާޗް މަހު މަޖީދީމަގުގައި އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތު ވެސް ފުލުހުން ކުރަނީ ޝަހުމްގެ މައްޗަށެވެ.
ބަޝީރުގެ މަރުގެ މައްސަލައިގައި ފުލުހުން ޝަހުމް ހޯދަމުން ދަނިކޮށް އިތުރު ބަޔަކާ އެކު އޭނާ ފެނިފައި ވަނީ ފަޅު ރަށެއްގައި ފިލައިގެން އުޅެނިކޮށެވެ.