ދުނިޔޭގެ މަޝްހޫރު ދެ ހޮޓެލް ކުންފުނި ކަމުގައިވާ މެރިއޮޓް އިންޓަނޭޝަނަލާއި ސްޓާވުޑް ހޮޓެލްސް އެންޑް ރިސޯޓްސް އެއްކޮށްލުމަށް ދެކުންފުނީގެ ހިއްސާދާރުން އެއްބަސްވެއްޖެ އެވެ.

މަޝްހޫރު ހޮޓެލް ބްުރޭންޑުތަކެއް ކަމުގައިވާ ޝެރަޓަން، ވެސްޓިން، ސެއިންޓް ރެޖިސް، އަދި ޑަބްލިއު ހޮޓެލްސް ބްރޭންޑް ހިންގާ ސްޓާވުޑް ހޮޓެލްސް އެންޑް ރިސޯޓްސް 12.4 ބިލިޔަން ޑޮލަރަށް ގަތުމަށް މެރިއޮޓް އިންޓަނޭޝަނަލުން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެކަން އޭރު ނުވެ އޮތީ ޗައިނާގެ އިންޝުއަރަންސް ކުންފުނި އާންގްބަންގް އިން ވެސް ސްޓާވުޑް ގަތުމުގެ މަސައްކަތް ކުރަމުން ދިއުމުންނެވެ.

ނަމަވެސް، އާންގބަންގއާ އެކު ނީލަން ކިޔުމަށް ފަހު އެންމެ ފަހުން މެރިއޮޓްއަށް 12.4 ބިލިޔަން ޑޮލަރުގެ ބޮޑު އަގަކަށް ސްޓާވުޑް ލިބޭނެކަން ޔަގީންވި އެވެ.

ސްޓާވުޑް ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި އަންނަނީ ފ. އަތޮޅުގައި ޑަބްލިއު ރިޓްރީޓް އެންޑް ސްޕާގެ އިތުރުން، މާލެ އަތޮޅުގައި ޝެރަޓަން މޯލްޑިވްސްގެ ނަމުގައި ދެ ރިސޯޓު ހިންގަމުންނެވެ. އަދި މި އަހަރުގެ ފަހުކޮޅު ސްޓާވުޑްގެ ސެއިންޓް ރެޖިސް ރިސޯޓު، ދ. ވޮށްމުލީގައި ހުޅުވުމަށް ތައްޔާރު ވަމުންނެވެ.

މެރިއޮޓް އިންޓަނޭޝަނަލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މެރިއޮޓްއިން ސްޓާވުޑް ގަތުމާ ބެހޭ ޕްރޮޕޯސަލްއަށް، ދެ ކުންފުނީގެ ވެސް ހިއްސާދާރުން ބޭއްވި ބައްދަލުވުމެއްގައި އެއްބަސްވެފައިވާ ކަމަށެވެ.

"މިކަމާ އެކު ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ކުންފުނި އުފެދިގެން ދާނެ،" މެރިއޮޓް އިންޓަނޭޝަނަލުން ބުންޏެވެ.

މެރިއޮޓްގެ ބަޔާނުގައި ބުނީ، މެރިއޮޓްގެ 79 ޕަސަންޓް ހިއްސާ ގަނެފައިވާ ހިއްސާދާރުން ބައްދަލުވުމުގައި ބައިވެރިވި ކަމަށާއި އޭގެ ތެރެއިން 97 ޕަސަންޓް ހިއްސާދާރުން ވަނީ މި އެކުއިސިޝަނަށް އެއްބަސްވެފައި ކަމަށެވެ. އަދި ބައްދަލުވުމުގައި ސްޓާވުޑްގެ ޖުމްލަ ހިއްސާގެ 63 ޕަސަންޓު ހިއްސާދާރުން ބައިވެރިވި އިރު، އޭގެ ތެރެއިން 95 ޕަސަންޓު ހިއްސާދާރުން ވަނީ ދެކުންފުނި އެއްކޮށްލުމަށް އެއްބަސްވެ ވޯޓި ދީފަ އެވެ.

މިކަމާ ގުޅިގެން، މެރިއޮޓްގެ ރައީސް އަދި ސީއީއޯ އާރްން ސޮރެންސަން ވިދާޅުވީ، ހިއްސާދާރުންގެ އެއްބަސްވެ، ދެ ކުންފުނި އެއްވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ސްޓާވުޑްގެ ސީއީއޯ ތޯމަސް މެންގަސް ވިދާޅުވީ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއާ އެކު އިސިޝަންގެ ސަބަބުން ސްޓާވުޑްގެ މުދަލާއި ހިއްސާދާރުންނާއި ރައުސުލްމާލަށް އެންމެ ރަނގަޅު ގޮތް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.