ޕެރިސް (އޭޕްރިލް 9): މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފްރާންސުގެ ޕެރިހަށް ދިން ހަމަލާގަޔާއި މިދިޔަ މަހު ބެލްޖިއަމްގެ ބްރަސެލްސްއަށް ދިން ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު އަބްރާއީ ހައްޔަރުކޮށްފައިވާ ކަމަށް ބެލްޖިއަމްގެ ޕްރޮސިކިއުޓަރުން ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ މީޑިއާތަކުން ބުނާ ގޮތުގައި އަބްރީނީ އަކީ ބްރަސެލްސް އަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ފޮޓޯ އިން ފެނިގެންދާ "ތޮފި އަޅައިގެން ހުރި މީހާ" ކަމަށް ބެލެވެ އެވެ.

ބެލްޖިއަމްގެ ރައްޔިތެއް ކަމަށްވާ 31 އަހަރުގެ އަބްރީނީ ފާހަގަކޮށްފައި ވަނީ ޔޫރަޕްގެ އެންމެ ނުރައްކާތެރި ކުށްވެރިންގެ ތެރެއިން އެކަކުގެ ގޮތުގަ އެވެ. އަދި ޕެރިހަށް ހަމަލާ ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ސަލާހް އަބްދުއްސަލާމާއި އިބްރާހިމް އަބްދުއްސަލާމްއަކީ ކުޑައިރުން ފެށިގެން އަބްރީނީއާ އެކުވެރި ދެމީހުންނެވެ.

މިދިޔަ މަހު ބްރަސެލްސްގެ ފުލުހުން ވަނީ ސަލާހް އަބްދުއްސަލާމް ހައްޔަރުކޮށްފަ އެވެ. އިބްރާހިމް އަބްދުއްސަލާމް ވަނީ ޕެރިހަށް ހަމަލާ ދިން ދުވަހު އަމިއްލައަށް މަރުވެފަ އެވެ.

އަބްރީނީ އާ އެކު އިއްޔެ ބެލްޖިއަމްގެ ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އުސާމާ ކްރަޔެމް ހައްޔަރުކޮށްފައި ވަނީ ބްރަސެލްސްގެ މެޓްރޯ ސްޓޭޝަނަށް ޖާނުން ފިދާވެގެން ދިން ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުހައި ކަމަށް ބެލްޖިއަމްގެ ފެޑެރަލް ޕްރޮސިކިއުޓަރަކު ވިދާޅުވި އެވެ.

ބްރަސެލްސްގެ އެއާޕޯޓަށާއި މެޓްރޯ ސްޓޭޝަނަށް ހަމަލާދިން ބޮންތައް ފޮރުވާފާއިވާ ދަބަސްތައް ގަނެފައި ވަނީ އުސާމާ ކްރަޔެމް ކަމަށާއި އެމަންޒަރު ފެންނަ ވީޑިއޯއެއް ލިބިފައިވާ ކަމަށް ޕްރޮސިކިއުޓާސް އޮފީހުން ބުންޏެވެ. (ބީބީސީ)