09 Apr 2016, 09:55
ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ، އިނގިރޭސި ބަހުން ލިޔުއްވި ޅެން ފޮތެއް އެމެރިކާގައި ޕަބްލިޝް ކުރައްވައި، ބައިނަލްއަގްވާމީ ބާޒާރަށް ނެރެފި އެވެ.
"ހޯޕް ބިޔޯންޑް ޝެޑޯސް އޮފް ޕެއިން"ގެ ނަމުގައި ޑރ. ޝަކީލާ އިނގިރޭސި ބަހުން ލިޔުއްވި އެ ޅެން ފޮތުގައި ހިމެނިފައި ވަނީ، އޭނާގެ ތުއްތު އިރުން ފަށައިގެން މިއަދާ ހަމައަށް ކުރިމަތިވެފައިވާ ބައެއް ހަނދާން ތަކެވެ.
"މި ފޮތަކީ އެކި ކަހަލަ އިހްސާސްތަކަށް ލޯބިކުރާ މީހުންނަށް ރަނގަޅު ބައިވެރިއެއް. މި ފޮތުގައި ހުރި ޅެންތަކަކީ ހަޔާތުގައި ދިމާވި ހިތްދަތި ކަންކަމާ ކުރިމަތިލައި، ބުރަކަށް މަސައްކަތްކޮށް އެންމެ ފަހުން ކާމިޔާބާއީ އުފާވެރިކަން ލިޔުންތެރިޔާ އަށް ގެނައިސްދިން އެކި ހާދިސާތަކެއްގެ ވާހަކަ،" ފޮތުގެ ބަނޑޭރި ގަނޑުގައި ލިޔުންކޮޅުގައިވެ އެވެ.
އޮންލައިން ފިހާރަ"އެމަޒޮން"ގައި ޑރ. ޝަކީލާގެ ފޮތް، ހާޑް ކަވަރގައި 24.99 ޑޮލަރަށް ލިބެން ހުންނަ އިރު، ޕޭޕަބެކްގައި 15.99 ޑޮލަރުގައި ލިބެން ހުންނާނެ އެވެ.
ޑރ. ޝަކީލާ ލިޔުއްވި ފޮތް ޝާއިޢު ކުރުމާ ގުޅިގެން، އޭނާ އަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޑރ. ޝަކީލާއަށް މަރުހަބާ ވިދާޅުވެ، ހިތްވަރު ދެއްވުމުގެ ގޮތުން ޓުވީޓެއް ވެސް ކުރައްވައިފަ އެވެ.
Congratulations@drshakeelaon publication in US of your book of poetry Hope Beyond Shadows of Pain. You have made us proud!
— Maumoon Abdul Gayoom (@maumoonagayoom)April 8, 2016
ޑރ. ޝަކީލާ 2014 ވަނަ އަހަރު ހެލްތު މިނިސްޓަރުގެ މަގާމުން ވަކި ކުރެއްވުމަށް ފަހު، އޭނާ ވަނީ ސިޔާސީ ދާއިރާ އިން ދުރަށް ވަޑައިގެން، އާއިލީ ވިޔަފާރީގެ މަސައްކަތަށް ވަޑައިގެންފަ އެވެ. އެގޮތުން، އެކަމަނާ މިހާރު ގެންދަވަނީ، އާއިލީ ކުންފުނި ސިމްޑީ ގްރޫޕުން ހިންގާ އިންސްޓިޓިއުޓް ފޯރު ކައުންސެލިންގް އެންޑް ސައިކޯތެރަޕީ (އައިސީޕީ)ގެ ޗެއާޕާސަންކަން ކުރައްވަމުންނެވެ.