ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން އެއްވަރުވި މެޗުގައި ބޮރޫސިއާ ޑޯޓްމަންޑަށް ރަނގަޅަކަށް ނުކުޅެވުނު ކަމަށް އެ ކްލަބުގެ ކެޕްޓަން މެޓްސް ހުމެލްސް ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު ކުއާޓާގެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފްގައި ބެލްޖިއަމް ފޯވަޑް ޑިވޮކް އޮރިގީގެ ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ދެވަނަ ހާފް ފެށިތާ މާގިނައިރުތަކެއް ނުވަނީސް ހުމެލްސް ވަނީ ޑޯމްޓްމަންޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

"ކުޅުމާ މެދު އަހަރެން ހިތްހަމައެއް ނުޖެހޭ. އަހަރެމެންނަށް ރަނގަޅަކަށް ނުކުޅެވުނު. އަހަރެމެންނަށް ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށް، ވިސްނުންކަމާ އެކު ކުޅެވެންޖެހޭ،"ސްޕޯޓްސް ވަންއަށް ދިން އިންޓަވިއުއެއްގައި ހުމެލްސް ބުންޏެވެ.

ޖަރުމަން ޑިފެންޑަރު ހުމެލްސް ބުނީ، ޑޯޓްމަންޑް ކޮޅަށް ލިވަޕޫލުން ޖެހި ލަނޑު ވަދެފައިވަނީ ވަރަށް ފަސޭހަ ގޮތަކަށް ކަމަށާއި އޭނާގެ ގޯހެއް ވެސް އެ ލަނޑު ވަނުމުގައި ހިމެނޭ ކަމަށެވެ.

ރޭ ކުޅުނު މެޗަކީ ޑޯޓްމަންޑްގެ ކޯޗުކަމުން ޖާޖަން ކްލޮޕް ވަކިވި ފަހުން، އެކްލަބާ ދެކޮޅަށް އެހެން ޓީމެއްގެ ކޯޗެއްގެ ގޮތުގައި ހުރެ ނުކުތް ފުރަތަމަ މެޗެވެ. ކްލޮޕް އަކީ ޑޯޓްމަންޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗެކެވެ.