09 Apr 2016, 10:15
ރެއާލް މެޑްރިޑުގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުމުން، އެކްލަބުގެ ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒްގެ ކުޅުމަށް އަސަރުކުރި ކޮށްފައިވާ ކަމަށް އޭނާގެ ބައްޕަ ބުނެފި އެވެ.
ކޮލަމްބިއާ ތަރި ހަމޭސް، ރެއާލްއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން އެ ސީޒަނުގައި ހަމޭސް ވަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ހަމޭސްގެ ބައްޕަ، ވިލްސަން ރޮޑްރިގޭޒް ބުނީ، ހަމޭސްގެ ކުޅުން ދަށްވެގެންދިޔަ ނަމަވެސް، އޭނާގެ ދަރިއަށް ޒިދާނުގެ ފަރާތުން އެހީތެރިކަމެއް ލިބިފައިނުވާ ކަމަށެވެ.
"މިއީ ފުޓްބޯޅާގައި އާ ކަމެއް. އަބަދަކު ކުޅުންތެރިއެއްގެ ކުޅުން އެއް ހަމައެއްގައި ނުހިފެހެއްޓޭނެ. އަނިޔާތަކުގެ ސަބަބުން އެހެން ދިމާވެ، ކުޅުން ދަށްވުމަކީ ވެދާނެ ކަމެއް. އެންޗެލޮއްޓީ އަދި ޒިދާންއަކީ މުޅިން ތަފާތު ދެ ކޯޗުން. އޭނާއަށް ރަނގަޅަށް ނުކުޅެވުމަކުން އެއްވެސް އެއްޗެއް މާނައެއް ނުވޭ. އެކަމަކު ކޯޗު ބަދަލުވުމުން އަސަރުކުރި،" ހަމޭސްގެ ބައްޕަ ބުންޏެވެ.
ހަމޭސްއެކޭ އެއްގޮތަށް ވިލްސަން ވެސް ވަނީ ކުރިން ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފަ އެވެ. ނަމަވެސް ވިލްސަންގެ ފުޓްބޯޅަ ކެރިއަރުގައި ހަމޭސް ދިޔަ ހިސާބަށް އޭނާއަށް ދެވިފައެއް ނުވެއެވެ.