ރާއްޖޭގެ ނޫސްވެރިން ހިމާޔަތްކޮށްދިނުމަށް ރާއްޖޭގައި މިހާރު އޮތް ނޫސްވެރިންގެ ދެ ޖަމިއްޔާ އިން ވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް މިއަދު ގޮވާލައިފި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި މޯލްޑިވްސް ނެޝަނަލް ޖާނަލިސްޓް އެސޯސިއޭޝަން (އެމްއެންޖޭއޭ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ނެރުނު ދެ ނޫސްބަޔާނުގައި ވެސް ބުނެފައިވާ ގޮތުގައި ރާއްޖޭގެ ނޫސްވެރިންނަށް މިހާރު ވަނީ ވަރަށް ބޮޑެތި ނުރައްކާތަކާއި ކުރިމަތިވެފަ އެވެ.

ދިވެހި ނޫސްވެރިންގެ ގައުމީ ޖަމިއްޔާ (އެމްއެންޖޭއޭ) ގެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ޖިސްމާނީ އަދި ނަފްނާސީ އަނިޔާތަކާއި، މަރުގެ އިންޒާރުތަކާއި ބިރުދެއްކުމުގެ އެތައް ކަންތައްތަކެއް ދިވެހި ނޫސްވެރިން މިއަދު ތަހައްމަލްކުރަމުންދާ ކަމަށެވެ.

"މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަޅުގަނޑުމެންނާ މިކުރިމަތިލީ، ދިވެހި ނޫސްވެރިންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކާއި މަރުގެ އިންޒާރުތަކާއި ބިރުދެއްކުމުގެ އެތައް ކަންތައްތަކެއް ދިވެހި ނޫސްވެރިން ތަހައްމަލު ކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. އަދި ހަމަ އެހެންމެ، އެކިއެކި ސިޔާސީ ޕޯޑިއަމްތަކުގައި ނޫސްވެރިންނަށް ފުރައްސާރަކޮށް ބައެއް މީޑިޔާތައް ބަންދުކުރުމަށް ގޮވާލައި، އަދި ބައެއް މީޑިޔާތައް ބޮއިކޮޓް ކުރުން އިތުރުވަމުންދާ ވަގުތެއްގަ އެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.

އެމްއެންޖޭއޭގެ ނޫސްބަޔާނުގައިވަނީ، ނޫސްވެރިންނަށް ކުރިމަތިކުރަމުންދާ އެފަދަ ކަންތައްތައް ހަށުކަށި އިބާރާތުން ކުށްވެރިކޮށް ނޫސްވެރިން ހިމާޔަތްކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަހަތަށް ނުޖެހުމަށް ސަލާމަތީ ބާރުތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ގޮންޖެހުންތަކާ އެކުގައި ވެސް އިސްވެރިން އެމީހުންގެ ގައުމީ ވާޖިބު އަދާކުރުމުގައި ދެމިތިބި ކަމީ ޒިންމާދާރު ނޫސްވެރިކަމެއް ބިނާކުރުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ނޫސްވެރިކަމުގެ ގާނޫނެއް ނެތުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާތީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ނޫސްވެރިކަމާ ގުޅުން ހުރި ގާނޫނުތައް ވީހާވެސް އަވަހަކަށް ނިންމައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމްއެންޖޭއޭއިން ގޮވާލާފައިވެ އެވެ.

ރާއްޖޭގައި ފުރަތަމަ އުފެއްދި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން )އެމްޖޭއޭ( އިން މިއަދު ނެރުނު ބަޔާނުގައި ވަނީ، ނޫސްވެރިން ހަނދާންކޮށްލަން ޖެހޭ ދެތިން ނުކުތާއެއް ފާހަގަކޮށްފައި އެވެ.

އެގޮތުން ގާނޫނު އަސާސީގައި ލިބިދީފައިވާ ހިޔާލުފާޅުކުމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ފަރިތަކުރުމަށާއި އެ މިނިވަންކަމުގެ ތެރެއިން މަސައްކަތްކުރަމުންދާއިރު ޖިސްމާނީ އަދި ނަފްސާނީ އަދި ވަޒީފާގެ ބިރުވެރިކަން ކުރިމަތިކުރަމުންދާނެކަން ހަނދާންކުރަން ޖެހޭނެ ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަން ފުރިހަމަ ގޮތުގައި ބޭނުންކުރަން ވާނެ ކަމަށް އެމްޖޭއޭން ބުނެ އެވެ.

އަދި ނޫސްވެރިކަމަކީ އެންމެ ބާރުގަދަ ހަތިޔާރު ކަމުގައި ފާހަގަކޮށް ނޫސްވެރިންނަށް ލިބިދީފައިވާ ބާރާއި މިނިވަންކަން ބޭނުންކުރުމަށް ހުރަސް އަޅާ ފަރާތްތަކަކީ "ނަފްސާނީ ބަލިކަށި ކަމެއް" ހުރި ފަރާތްތަކެއްގެ ގޮތުގައި އެމްޖޭއޭން ވަނީ ސިފަކޮށްފައިވެ އެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަން ހިމާޔަތްކުރުމަށާއި އެކަންތައްތައް ކުރިއެރުވުމަށް ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުން ވެފައިވާ ވައުދުތައް ފުއްދުމަށް ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމުގައިވާ ޔުނެސްކޯ އިން ވެސް ވަނީ ގޮވައިލައިފަ އެވެ.