ސައުދީ އަރަބިއްއާ އާއި މިސްރާ ދެމެދު އޮންނަ ރެޑް ސީ ހުރަސްކޮށް ދެ ގައުމު ގުޅުމާލުމަށް ބުރިޖެއް އަޅަން ނިންމާފައިވާ ކަމަށް ސައުދީ އަރަބިއާގެ ރަސްގެފާނު އިއުލާންކުރައްވައިފި އެވެ.

ސައުދީގެ ރަސްގެފާން ކިންގް ސަލްމާން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ، އެ ބުރިޖުގެ ސަބަބުން ދެ ގައުމުގެ ދޭތެރޭގައި ވިޔަފާރީގެ މުއާމަލާތް އިތުރުވެގެންދާނެ ކަމަށެވެ.

ކިންގް ސަލްމާން އެކަން އިއުލާންކުރެއްވީ، މިސްރުގެ ވެރިރަށް ކެއިރޯއަށް މިހާރު ކުރައްވަމުން ގެންދަވާ ފަސް ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ.

"އެފްރިކާ އާއި އޭޝިއާ، ދެ ބައްރު ގުޅާލުމަށް ނިންމި މި ނިންމުމަކީ ތާރީހީ ނިންމުމެއް. މި ނިންމުމުގެ ސަބަބުން ދެ ބައްރުގެ ދެމެދުކުރާ ވިޔަފާރީގެ މުއާމަލާތްތައް މިހާރަށްވުރެއް އިތުރަށް ފުޅާވެގެންދާނެ،" ކިންގް ސަލްމާންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިސްރުގެ ރައީސް ސީސީ ވިދާޅުވީ، އެ ބުރިޖަށް ނަން ދެވިގެންދާނީ ސައުދީގެ ރަސްގެފާނުގެ ނަންފުޅުން ކަމަށެވެ.

ސައުދީ އަރަބިއާ އަކީ 2013 ވަނަ އަހަރު މިސްރުގެ ވެރިކަމާ އަބްދުލް ފައްތާހް އަލް ސީސީ ހަވާލުވެލެއްވުމަށް ފަހު، އެ ގައުމުގެ ތަރައްގީއަށް އެތައް ބިލިއަން ޑޮލަރެއް ހަރަދުކުރި ގަލްފުގެ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.

ރެޑް ސީ ހުރަސްކޮށް ބުރިޖެއް އެޅުމަށް މިސްރާއި ސައުދީން މީގެ ކުރިން ތަކުރާރުކޮށް ވަނީ މަސައްކަތްކޮށް، ނާކާމިޔާބުވެފަ އެވެ. އަދި މީގެ ކުރިން އެ ބުރިޖް އެޅުމަށް ގާތްގަނޑަކަށް 3-4 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް ބެލިވިފައިވީ ނަމަވެސް، އާ ޕްލޭންގެ ދަށުން ބުރިޖަށްދާނެ އަދަދެއް އަދި ހާމަކޮށްފައެއްނުވެ އެވެ.