އޭޝިއަން ވޮލީބޯލް ކޮންފަޑަރޭޝަން (އޭވީސީ)ގެ ސެންޓްރަލް ޒޯންގައި ހިމެނޭ ގައުމުތަކުގެ ޖަމިއްޔާ އަށް ޖެނަރަލް ސެކެޓްރީ އެއް މިއަދު އިންތިހާބް ކޮށްފިއެވެ.

އޭޝިއާގެ ހުރިހާ ގައުމުތަކެއް ފަސް ސަރަހައްދަކަށް ބަހާލާފައިވާ އިރު ސެންޓްރަލް ޒޯނުގައި ރާއްޖޭގެ އިތުރުން ދެން ހިމެނޭ 14 ގައުމުގެ ވޮލީ ބޯލް އެސޯސިއޭޝަން ތަކުގެ މަންދޫބޫންނާއި އެކު ޕެރަޑައިސް ރިސޯޓްގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ކުރިއަށް އޮތް ދެ އަހަރަށް އެ ޖަމިއްޔާގެ ޖެނަރަލް ސެކެޓްރީ އަކަށް އިންތިހާބް ކޮށްފައިވަނީ އިންޑިއާގެ ވޮލީ ބޯލް އެސޯސިއޭޝަންގެ ޑިރެކްޓަރު ސުނިލް އެވެ.

ކަޒަކިސްތާން ފިޔިވައި އެހެން ހުރިހާ ގައުމުތަކެއް ބައިވެރިވި އެ ބައްދަލުވުމުގައި ޖެނަރަލް ސެކެޓްރީ އަށް ސުނިލް އިންތިހާބް ކުރުމަށް ހުރިހާ މެމްބަރު ގައުމަކުން ވެސް ވަނީ ވޯޓް ދީފައެވެ.

އޭޝިއާ ސެންޓްރަލް ޒޯނުގައި ހިމެނޭ އެސޯސިއޭޝަން ތަކަށް ދިމާވާ މައްސަލަތަކާއި ކުރިއަށް އޮތް ހަތަރު އަހަރު ބާއްވާނެ މުބާރާތްތަށް ކަނޑައަޅަން ބޭއްވި އެ ބައްދަލުވުމުގައި ވަނީ އެ ޒޯންގެ އޮފީހެއް އިންޑިއާގައި ގާއިމު ކުރަން ވެސް ނިންމާފައެވެ.

އެ ބައްދަލުވުން ނިންމާލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ސެންޓްރަލް ޒޯންގެ ސެކެޓްރީ ޖެނަރަލް ވިދާޅުވީ، އެ ބައްދަލުވުމުން ފާހަގަ ކުރި މައްސަލަތަށް 65 ގައުމު ހިމެނޭ އޭވީސީ އަށް ހުށަހަޅައި އެކަމާއި މަޝްވަރާކޮށް އެމައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް މަސަތްކަތް ކުރާނެ ކަމަށެވެ.