08 Apr 2016, 21:59
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން، ހަކުރުބައްޔާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ހެލްތް މިނިސްޓްރީން އިސްނަގައިގެން ރަސްފަންނުގައި ހާއްސަ ފެއާއެއް ބާއްވައިފި އެވެ.
ފެއާ ފެއްޓުމުގެ ގޮތުން، ވާހަކަފުޅުދައްކަވަމުން ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަރުވިންދު މާތުރު ވިދާޅުވީ، ރާއްޖޭގެ ހެލްތް މިނިސްޓަރާއި ރައްޔިތުންގެ އެއްބާރުލުމާއެކު ރާއްޖެއިން ހަކުރުބަލި ނައްތާލެވޭނެ ކަމުގެ 101 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ރަސްފަންނުގައި ބޭއްވި ފެއާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ވަނީ ވާހަކަފުޅުދައްކަވައި، ސިއްހަތު ދުވަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރުމަށް އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކާއި ހެލްތް ސެންޓަރުތަކާއި ސްކޫލްތަކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ރަސްފަންނުގައި ބޭއްވި ފެއާ ފެށުމުގެ ރަސްމިއްޔާތުގައި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަރުވިންދު މާތުރު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ހެލްތް މިނިސްޓްރީން ބުނީ، މިއަދުގެ ހަރަކާތަކީ އެ މިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި މުއައްސަސާތައް އަދި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުންނަށް ހަކުރުބަލީގެ ނުރައްކާތެރިކަމާއި ބަލިން ރައްކާތެރި ވުމަށް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ފެއާއެއް ކަމަށެވެ.
އެގޮތުން ފެއާގައި ދުޅަހެޔޮސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކާނާގެ މައުލޫމާތު ދިނުމާއި އެތަކެތި ކެއުމުގެ ފުރުސަތުގެ އިތުރުން ހެލްތް ސްކްރީނިން ޕްރޮގްރާމްތަކާއި ބައިސްކަލު ދުއްވުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގޮސްފައެވެ. މީގެ އިތުރުން ސްޓޭޖް ހަރަކާތްތަކަކާއި ކުޑަކުދިންނަށް ފޭސް ޕެއިންޓިންގއާއި ޒުމްބާގެ ހަރަކާތްތަކާއި ހުރިހާ އުމުރު ފުރަޔަކަށް ބޭނުންވާ ކަސްރަތުގެ މައުލޫމާތު ދީފައިވެ އެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ރަސްފަންނުގައި ބޭއްވި ފެއާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އިއްޔެ ފާހަގަކުރި ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ރައްކާތެރިވަމާ، ފަރުވާކުރަމާ، ހަކުރުބަލީގެ މައްޗަށް ކުރިހޯދަމާ!"އެވެ.
ޑަބްލިއުއެޗްއޯގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އާބާދީގެ 422 މިލިއަން މީހުންނަށް ވަނީ ހަކުރު ބަލި ޖެހިފަ އެވެ. އޭގެ ތެރޭގައި ގިނައީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ނިސްބަތްވާ ގައުމުތަކުގެ ރައްޔިތުންނެވެ.
އިންސާނާގެ ލޭގައި ހުންނަންވާ ވަރަށް ވުރެ އިތުރަށް ހަކުރު ހުރުމުން ފާހަގަ ކުރެވޭ ބައްޔެއް ކަމަށްވާ، ހަކުރު ބަލި ޖެހެނީ ދެ މައްސަލައެއްގެ ސަބަބުންނެވެ. އެއީ ލޭގެ ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކުރާ ހޯމޯން، އިންސިއުލިން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އުފެއްދުމަށް ޗިސްމޭ ނުވަތަ ޕެންކްރިއަސްއަށް ނުކުޅެދުމުން ނުވަތަ އިންސިއުލިން އުފެއްދި ނަމަވެސް އޭގެ ބޭނުން ނުކުރެވުމުގެ ސަބަބުންނެވެ.