08 Apr 2016, 20:18
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އިތުރު ތިން މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެން ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމެވުމާ ގުޅިގެން، ހައި ކޯޓުން އެ ތިން މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެފި އެވެ.
ހައިކޯޓުން މިފަހަރު މޮނިކޮން އަމުރު ނެރެފައިވާ ތިން މީހުންނަކީ ގއ. ވިލިނގިލި، ހަނދުވަރުދޭގެ، އަހުމަދު ފިރާޝް (32އ) އާއި، ސ. ހިތަދޫ، އުދާސް، އަހުމަދު މުހައްމަދު (30އ) ގެ އިތުރުން ގއ. ކޮނޑޭ، ދާރުލްގަރާރު، އަބްދުﷲ ނާސިހް (20އ) އެވެ.
އެ ތިން މީހުންގެ ތެރެއިން އަބްދުﷲ ނާސިހްގެ ފައިގައި މިހާރު ޓެގް އަޅުވާފައިވާ ކަމަށާއި، ޓެގް އެޅުވުމަށް އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ތިން މީހުންނަކީ ވެސް ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ ބައެއް ކަމަށް ފުލުހުން ބުނެ އެވެ.
މޮނިކޮން އަމުރުނެރެން ހޯމި މިނިސްޓަރު ނިންމެވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގެ ދަށުން މީގެ ކުރިން 11 މީހެއްގެ ފައިގައި ވަނީ ޓެގް އަޅުވާފަ އެވެ.
ހައިކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ އެ ތިން މީހުން މޮނިޓާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައް:
- ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުން.
- ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން.
- އެ އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުން.
- އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުން.
- އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުން.
- ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުން.
- އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގާ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުން.
މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ގާއިމް ކޮށްފަ އެވެ. އެގޮތުން އެ މީހުންނަށް އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެ ކަމަށް ފުލުހުން ބުނެ އެވެ.