08 Apr 2016, 18:20
އިންޑިއާގެ ޗެންނާއީން ފުރައިގެން މާލެއަށް އަންނަން އޮތް އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ފްލައިޓެއްގެ ޕައިލެޓަކު، އޭނާ އަށް ކަމުދާ ކޯ ޕައިލެޓާނުލައި ދަތުރުނުކުރާން އުޅުނު މައްސަލައެއް އެއާ އިންޑިއާ އިން ބަލަން ފަށައިފި އެވެ.
އެއާ އިންޑިއާގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޝްވަނީ ލޮހާނީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެފަދަ މައްސަލަތަކުގެ ސަބަބުން އެ އެއާލައިނަށް ގިނަ ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި އަދި އެފަދަ ކަންކަން ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
"ޗެންނާއީ އިން މާލެއަށް ފުރަން އޮތް އެއާ އިންޑިއާގެ ފްލައިޓް އޭއައި 263 ފްލައިޓަށް ފަހުން ދިމާވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމާ ގުޅިގެން ވަގުތުން އިންކުއެރީއެއް ވަނީ ފަށާފައި،" ލޮހާނީ ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހު ޗެންނާ އިން ޓްރެވިންޑްރަމް މަގުން މާލެ އަށް އަންނަ ހަމަޖެހިފައި އޮތް އެ ފްލައިޓުގައި 110 ފަސިންޖަރުން ތިބި އިރު، ޕައިލެޓަށް ކަމުދާ އަންހެން ކޯޕައިލެޓަކައި ނުލާ ފްލައިޓް އޮޕަރޭޓް ކުރަން ދެކޮޅުހެދި ޕައިލެޓުގެ ސަބަބުން ފްލައިޓް ވަނީ ދެ ގަޑިއިރު ޑިލޭވެފަ އެވެ.
ނަމަވެސް، ފްލައިޓް ޑިލޭވެ ގިނަ އިރުތަކެއް ވެގެންދާތީ، އިތުރު ގޮތެއް ނެތިގެން އެއާ އިންޑިއާ އިން ވަނީ ޕައިލެޓް ބޭނުންވާ އަންހެން ކޯ ޕައިލެޓް ޑިއުޓީއަށް ނެރެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ވަކި ހާއްސަ އަންހެން ކޯ ޕައިލެޓަކާ އެކު ދަތުރުކުރަން ބޭނުންވާ ކަމުގެ ޑިމާންޑެއް ޕައިލެޓް ވަނީ މިދިޔަ އަންގާރަ ދުވަހު ވެސް ކޮށްފަ އެވެ. އެފަހަރު އަންހެން ކޯ ޕައިލެޓް ނިއު ދިއްލީއަށް ފުރި ފްލައިޓެއްގައި ޑިއުޓީ އަދާކުރަން ޖެހުމުން، ޕައިލެޓް ވަނީ ސިކް ލީވް ނަގައިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ޕައިލެޓް ވަނީ އެއާ އިންޑިއާގެ ވަޒީފާ އިން މިދިޔަ ހަފްތާ ތެރޭގައި ވަކިވެފަ އެވެ. އަދި މިހާރު އޭނާ ވަޒީފާ އަދާކުރަމުން ދަނީ ހަ މަހުގެ ނޯޓިސް ޕީރިއަޑެއްގަ އެވެ.
މައުލޫމާތު: ޓައިމްސް އޮފް އިންޑިއާ