މުޒާހަރާ ކުރުމަށް ސުނާމީ ބިނާ ސަރަހައްދާއި ހިތްފަސޭހަ މައިދާން ]އާޓްފިޝަލް ބީޗް[ ފިޔަވައި އެހެންތަނަކަށް އެއްވެއްޖެ ނަމަ އިންޒާރަކާ ނުލައި މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމުދު ރިޝްވާން މިއަދު ދެއްވައިފި އެވެ.

ޑޮލަރުގެ އަގުބޮޑުވެ، ތަކެތީގެ އަގު މައްޗަށް ދިއުމާ ގުޅިގެން ޒުވާނުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވެގެން ފާއިތުވި ތިން ރޭ ބޭއްވި މުޒާހަރާތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި ރިޝްވާން ވިދާޅުވީ، އެ މުޒާހަރާތަކުގައި ބައިވެރިވާ "ގޭންގުތަކުގެ މީހުންގެ" ސަބަބުން އާންމު ރައްޔިތުންގެ މުދަލަށާއި ވިޔަފާރިވެރިނަށް ގެއްލުންވަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ އެންމެ ބޮޑު ދެ މަގު، ޗާންދަނީމަގާއި މަޖީދީމަގާ ދިމާވާ ހިސާބު، ހަތަރު އަގޮޅި ކަންމަތީގައި ސިލްސިލާކޮށް މުޒާހަރާކުރުމުން އާންމުގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި އެ ސަރަހައްދުގެ ފިހާރަތަކަށް ގެއްލުން ލިބި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ސުނާމީ ބިނާ ސަރަހައްދާއި ހިތްފަސޭހަމައިދާން ފިޔަވައި އެހެން އެއްވެސް ތަނަކަށް އެއްވެގެންނުވާނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ. އަދި މިރޭ މަޖީދީ މަގަށް ބަޔަކު އެއްވެއްޖެ ނަމަ އިންޒާރަކާ ނުލައި އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ރިޝްވާން ދެއްވި އެވެ.

"މިއަދުން ފެށިގެން އެއްވެސް ޕާޓީއަކުން ވެސް އަދި ޖަމާއަތަކުން، ވަކި ފަރުދަކަށް ވިޔަސް ސިޔާސީ ހަރަކާތެއް ނުވަތަ އެއްވުމެއް ކުރިއަށް ގެންދެވޭނީ ސުނާމީ ބިނާ ސަރަހައްދުގައި. ނުވަތަ ހިތްފަސޭހަ މައިދާނުގައި ]އާޓްފިޝަލް ބީޗް[ގައި. އެނޫން ތަނެއްގައި އެކަން ކުރަން ]މުޒާހަރާކުރަން[ އައިސް ހުއްޓުން އަދި އެތަނެއްގައި މަޑުކުރުން ވެގެންދާނީ އަޅުގަނޑުމެން އިތުރު އިންޒާރަކާ ނުލައި ވަގުތުން އެތަނެއް ރޫޅާލުން،" ރިޝްވާން ވިދާޅުވި އެވެ.

ސިލްސިލާކޮށް ކުރާ މުޒާރާތަކުގައި މާލޭގެ ހަރަކާތެރިވާ ގޭންގުތަކުގެ ޒުވާނުން ފުލުހުންނަށް ދެމުންދާ ކަމަށް ބުނާ ހަމަލަތަކާ ގުޅޭ ގޮތުން ރިޝްވާން ވިދާޅުވީ، މުޒާހަރާތަކުގައި ގޭންގުތަކުގައި ހަރަކާތެރިވާ ޒުވާނުން ފުލުހުންނަށް ހަމަލަދެނީ މަސްތުވެގެން ތިބޭ ހާލުގައި ކަމަށެވެ. އަދި ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ ދިވެއްސަކަށް ވެސް ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަން ލިބިފައިވާ އިރު، ގާނޫނީ އިމުގެ ބޭރުން އެފަދަ އަނިޔާވެރި ޖަރީމާތަކަށް ފުލުހުން ދެން ފުރުސަތު ނުދޭނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ފަރާތައް އިސްކޮށް ތިބެ، ސިލްސިލާކޮށް ކުރާ މުޒާހަރާތަކުގައި ފުލުހުންނަށް ހަމަލާދީ، ތަފާތު ތަކެތީގައި ރޯކުރުމާއި އާންމުންގެ މުދަލަށް ގެއްލުންދިނުމުން ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެއްވުންތައް އިންތިޒާމްކުރާ ފަރާތަކުން ކަމަށެވެ. އަދި އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ގޭންގުތަކުން ވަދެގަނެ ފުލުހުންނާ ކުރިމަތިލައި ހިންގާ ހަމަނުޖެހުންތަކުގައި 13 މީހެއްގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރޭ ހައްޔަރު ކުރި 30 މީހުންގެ ތެރެއިން ބައެއް މީހުންގެ ކޯޓް މަރުހަލާ މިއަދު ކުރިއަށްދާ ކަމަށް އެނާ ވިދާޅުވި އެވެ.

މުޒާހަރާތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުގެ ޒުވާނުން ވަޅި އާއި ޕެޓްރޯލް ފަދަ ތަކެތި ފުލުހުންނާ ކުރިމަތިލުމަށް ބޭނުން ކުރާ ކަމަށް ރިޝްވާން ވިދާޅުވި އެވެ. އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ މުޒާހަރާ ކުރިއަށް ދިޔަ ވަގުތު ޒިކުރާ މިސްކިތުގެ ފާހާނާތެރެއިން ޕެޓްރޯލް އަޅާފައި ހުރި "ލައިފް" ބޮޑު ފުޅިއަކާއި "ޖޫސް ޕެޓީ" ކޮތަޅުތަކެއް އަތުލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޒާހާރާތަކުގެ ނާޖާއިޒް ފައިދާ ގޭންގުތަކުގެ ނަގަމުންދާ ކަން ފާހަގަކުރައްވަމުން، ރިޝްވާން އިތުރަށް ވިދާޅުވީ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރިއަށް ގެންދާ ވަގުތު މާލޭގެ ބައެއް ސަރަހައްދުތަކުގައި އާންމުންނަށް ހަމަލަދީ ކުށްކުރަމުންދާ ކަމަށެވެ.

"ކުށްކުރާ މީހާކު މުޒާހަރާގައި ބައިވެރިވެ، އަޅުގަނޑުމެންނަށް ހަމަލާދިނަސް އަޅުގަނޑުމެން ޓެކްނިކަލީ ބޭނުންކުރަން ޖެހޭ އުކުޅެއް ބޭނުންކޮށްގެން އެމީހަކު އެތަނުން ނެގޭނެ ކަން ހަނދުމަކޮށްދެން. އަދި އެފަދަ ދަނޑިވަޅެއްގައި ބާކީތިބޭ މީހުން ފުލުހުންނަށް ހުރަސްނޭޅުމަށް އެދެން." ރިޝާވާން ވިދާޅުވި އެވެ.

ފާއިތުވި ތިން ރޭ ސުލްހަވެރި އެއްވުމެއްގެ ނަމުގައި ފެށި މުޒާހަރާތައް، ހޫނުވެ، ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ވަނީ އާއްމުންނަށާއި ފުލުހުންނަށް ގެއްލުން ވެފަ އެވެ. މުޒާހަރާ ރޫޅާލުމަށް އިއްޔެ ރެއާއި އަދި ރޭވެސް ފުލުހުން ކަރުނަގޭސް ޖެހުމުން އާއްމުން ވަނީ ފުލުހުންނާ ކުރިމަތިލާ ހަމަނުޖެހުން ހިންގައިފަ އެވެ. މުޒާހަރާތެރޭ ތިބި ބަޔަކު ވަނީ އަލިފާން ރޯކޮށް އެއްޗެހި އުކައި، ލަކުޑި ބުރިއާއި ޕޭވްމަންޓު ގާތައް ވެސް ވަކިކޮށް ފުލުހުންނާ ދިމާއަށް އުކައިފައިވެ އެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލްކުރުމުގެ ތެރޭ ފުލުހުންގެ ފަރާތުން ވެސް އާއްމުންނަށް އަނިޔާވެ، ތަކެއްޗަށް ގެއްލުން ވި އެވެ.