ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުންދޭ އިނާޔަތްތަކާއި މަންފާތައް ކަނޑާލެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމެއް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އެ އިނާޔަތަކާއި ރައްކާތެރިކަމަކީ ނަޝީދަށް ހައްގުވާ އިނާޔަތަކާއި ރައްކާތެރިކަމެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނަށް ކުއްލި ބަދަލު ގެނެސްގެން ރައީސް މުހައްމަދު ނަޝީދަށް ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ކަނޑާލުމަކީ އެކަމުގައި އެއްވެސް ހަމަހަމަކަމެއް އަދި އިންސާފެއް އެކުލެވިގެންނުވާ، އިންތިހާއަށް ޒާތީވެ ތިބެގެން ހިންގާފައިވާ ޖަރީމާއެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު، ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރި ކުށަކާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރާ ނަމަ ދައުލަތުން އެ އެ ބެފުޅަކަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށް، ކުރިން ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

އެ އިސްލާހު ފާސްވެފައި ވަނީ 43 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 23 މެމްބަރުންނެވެ.

އެ ބިލާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގަދަރާއި އިހްތިރާމް އަދި އިނާޔަތްތަކަކީ ރައްޔިތުންގެ ހިތްތަކުގައި އުފެދޭ އެއްޗެއް ކަމަށް އަބަދު ވެސް ދެކިވަޑައިގަންނަވާ ކަމަށެވެ.