މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)އާއި ތިމަރަފުށީ ޔޫތު ސެންޓަރާ ގުޅިގެން ތ. އަތޮޅު ރަށްރަށުގެ ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ ޒުވާނުން ހަރުދަނާކުރުމުގެ ގޮތުން ސްޕޯޓްސް އެޑްމިނިސްޓްރޭޓާސް ކޯހެއް ތިމަރަފުށީގައި މިއަދު ފަށައިފި އެވެ.

ތ. އަތޮޅުގެ ރަށްރަށުން ޖުމްލަ 29 ފަރާތަކުން ބައިވެރިވާ އެ ކޯހުގައި ކިޔަވައިދެނީ އޮލިމްޕިކް ކޮމެޓީން އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތަކުންނެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ކޯހުގައި މައިގަނޑުކޮށް ކިޔަވައިދެނީ ކުޅިވަރު ހިންގުމާއި ކުޅިވަރު ހިންގުންތެރިންގެ ކިބައިގައި ހިންގުމުގެ ފަންނުވެރިކަން ހަރުދަނާކުރުމާއި ކުޅިވަރުގެ އިދާރާތަކުގެ ހިންގުން ފުރިހަމަކޮށް އިތުރަށް ހަރުދަނާކުރުމާއި ކުޅިވަރުގެ ހަރަކާތްތެރިންގެ މެދުގައި މުހިންމު އިދާރީ ހުނަރު އަށަގެންނެވުން އަދި ކުޅިވަރު ހަރަކާތްތައް ހިންގުމުގައި ރޭވުންތެރިކަމުގެ ހުނަރު އިތުރުކުރުން ކަމަށް ތިމަރަފުށީ ޔޫތު ސެންޓަރުން މަޢުލޫމާތު ދެއެވެ.

ތިމަރަފުށީގައި ކުރިއަށްގެންދާ އެ ކޯހުގައި ތ. އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވި އެވެ. އެއީ އޮމަދޫ އާއި، ކިނބުދޫ އާއި، މަޑިފުށި އަދި ތިމަރަފުށްޓެވެ.