ދިވެހިންނަކީ މީގެ ކުރިން ބޮޑުންނަށާއި މުސްކުޅިންނަށް، އަދަބުވެރި ކަމާއެކު މުއާމަލާތް ކުރި ބައެއް ކަމަށާއި ނަމަވެސް މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނީ، މީގެ ވިއްސަކަށް އަހަރު ކުރިން ބޮޑުންނަށާއި މުސްކުޅިން ހިތުގައި ޖެހިދާނެ ފަދަ ބަހެއް ދިވެހިން ނުބުނާނެ ކަމަށެވެ. އަދި އޭރު ކުޑަ ކުއްޖަކު ބޮޑު މީހަކާ ދިމާއަށް ބޭބެ ނުވަތަ ދައްތަ އޭ ކިޔާފައި މެނުވީ މުހާތަބެއް ނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް މިއަދު މުޖުތަމައުގެ ބައެއް މީހުންގެ ކިބައިން އިހުތިރާމް ކުޑަ ގޮތަކަށް ބޮޑެތި މީހުންނާ ވާހަކަދައްކާތަން ފެންނަމުންދާ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެފައިވެ އެވެ.

މިއަދުގެ ހުތުބާގައި ބޮޑަށް އަމާޒު ކޮށްފައިވަނީ ބޮޑެތި މީހުންނަށް އިހުތިރާމް ކުރުމުގެ މާތްކަމުގެ މައްޗަށެވެ.

އެގޮތުން، ތިމާއަށްވުރެ އުމުރުން ދޮށީ މީހުންނަށް އިހްތިރާމް ކުރުމަކީ އިސްލާމްދީނުގައި ވަސިއްޔަތް ކުރައްވާފައިވާ ކަމަކަށްވާއިރު، ބޮޑެތި މީހުންނާ ވާހަކަދެއްކުމުގަޔާއި މުހާތަބް ކުރުމުގައި ރީތި ގޮތްތަކާއި އަދަބުތައް ބޭނުންކުރުމަކީ ވަޖިބެއްކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ބޮޑެތި މީހުންނަށް އަޅާލައި އެމީހުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ފޯރުވުމާއި އިހްސާންތެރިވުމަކީ ދުނިޔޭގައި ރިޒްގު ތަނަވަސްކޮށްދެއްވާނެ ކަންތައްތަކެއްކަމަށާއި އަދި އެއީ އުމުރު ދިގުކުރައްވައި އިންސާނާގެ ހަޔާތުގައި ބަރަކާތްލައްވައި ކުރިމަތިވާ މުސީބާތްތަކާއި ހިތާމައަތައް ފިއްލަވައި ދެއްވާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"ބޭބެއިންނަށާއި ދައްތައިންނަށް އިހްތިރާމް ކުރުމަށް ކީރިތި ރަސޫލާ ވަކިން ހާއްސަ ގޮތެއްގައި އަމުރު ކުރައްވާފައިވެ އެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އެއީ އާއިލާގެ ބައްޕަ އާއި މަންމަ ފަދަ ބައެކެވެ. މައިންބަފައިންނަށް އިހްތިރާމާއި ގަދަރުކުރާ ފަދައިން ބޭބެއިންނަށާއި ދައްތައިންނަށް ގަދަރު ކުރަންޖެހޭނެ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބޮޑެތި މީހުންނަށް އިހުތިރާމް ކުރުމުގެ ތެރޭގައި ހިމެނޭ ކަންތައްތައްވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، މަޖިލިސްތަކާއި ބައްދަލުވުންތަކުގައި ވާހަކަ ދެއްކުމުގެ މަގާމުގެ ގޮތުން ބޮޑު އަދި އުމުރުން ދޮށީ މީހާއަށް އިސްކަން ދިނުމަށާއި ބޮޑު މީހަކާ ވާހަކަދައްކާއިރު ސީދާ އޭނާގެ ނަމުން މުހާތަބު ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ބޮޑެތި މީހުންނާ ވާހަކަ ދައްކާއިރު މަޑުމަތިތިރިކަމާއި މަޑުމޮޅިކަމާއެކު ވާހަކަދެއްކުމާއި އޭނާ ވާހަކަދައްކަމުން ދަނިކޮށް މެދު ކަނޑައި ނުލުމާއި އޭނާގެ ކިބައިން ކަމަކަށް އެދޭއިރު އަމުރުކުރުމުގެ ބަދަލުގައި އެކަމަށް އެދޭ ފަދަ ރީތި އިބާރަތަކުން ވާހަކަދެއްކުމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ.