ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޖަރުމަނުގެ ބޮރޫޝާ ޑޯޓްމަންޑް އަތުން 1-1 ލަނޑުގެ ނަތީޖާއަކުން އެއްވަރުކޮށް ލިވަޕޫލުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން 1-1ގެ ނަތީޖާއަކުން އެއްވަރުވުމުން އަވޭ ގޯލަކާއެކު ސެމީގެ ފުރުސަތު މިހާރު ބޮޑަށް އޮތީ ލިވަޕޫލަށެވެ. އެގޮތުން، ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި އެޓީމު ރަށުން ބޭރުގައި ފުރަތަމަ ލެގުގެ މެޗުން އެއްވަރު ކުރި އެންމެ ފަހުގެ 12 މެޗަށް ބަލާއިރު، އޭގެ ތެރޭން 11 ފަހަރު އެޓީމުން ދެވަނަ ލެގުގެ ނަތީޖާއާއެކު ކުރި ހޯދާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ޑޯޓްމަންޑުގެ ކުރީގެ ކޯޗް ޔާގަން ކްލޮޕްސްގެ އިރުޝާދުގެ ދަށުން އެޓީމާ ދެކޮޅަށް ލިވަޕޫލް ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީވެސް އެޓީމުންނެވެ. އެގޮތުން މެޗުގެ 36 ވަނަ މިނިޓްގައި ލިވަޕޫލަށް ލަނޑު ޖަހައިދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ޑިވޮކް އޮރިޖީ އެވެ.

އެއް ލަނޑުގެ ލީޑަކާއެކު ލިވަޕޫލުން ދެވަނަ ހާފް ފެށިނަމަވެސް، ހާފް ފެށިތާ މާ ގިނަ އިރެއް ނުވެ، ޑޯޓްމަންޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 48 ވަނަ މިނިޓްގައި ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަކޮށްދިން ލަޑުން ކާމިޔާބުކުރީ، އެޓީމުގެ ޖަރުމަން ޑިފެންޑަރު މެޓްސް ހުމެލްސް އެވެ.

ލިވަޕޫލްގެ ޑިވޮކް އޮރިޖީ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ މެޓްސް ހުމެލްސް -- ފޮޓޯ: އޭޕީ

ދެވަނަ ހާފްގެ ކުރީކޮޅުގައި ލަނޑެއް ކާމިޔާބުކޮށް ޑޯޓްމަންޑުން މެޗުގެ ނަތީޖާ ހަމަހަކުރި ނަމަވެސް، ކްލޮޕް ވަނީ އޭނާގެ އެޓީމުގެ ޑިފެންސް ލައިން އިތުރަށް ރަނގަޅުކޮށް ޑޯޓްމަންޓް އިތުރު ލަނޑެއް ކާމިޔާބުކުރިޔަ ނުދީ ހިފަހައްޓައިފިއެވެ.

ކްލޮޕް ބުނީ، އެ މެޗަށް ނުކުތްއިރު ގިނަ ބަޔަކު ހީކުރާނީ، 2-0، 3-0، ނުވަތަ 4-0 ލަނޑުން ލިވަޕޫލް ބަލިވާނޭ ކަމަށާއި އެހެން ނަމަވެސް ނަތީޖާ ނުކުތީ ހީކުރިގޮތާ ހިލާފަށް ކަމަށެވެ.

"ޑޯޓްމަންޑަކީ މޮޅު ޓީމެއް، އެކަން އެމީހުންގެ ކުޅުމުން ދައްކައިދީފި. އެހެން ނަމަވެސް އަހަރެމެންނަށް ވެސް މެޗު ކާމިޔާބުކުރުމަށް ފުރުސަތުތަކެއް ތަނަވަސްވި،" މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.

"އެމީހުން [ޑޯޓްމަންޑް] ކުޅޭގޮތަށް އަހަރެމެންވެސް ކުޅޭން މާކަ ގިނަދުވަހެއް ނެތް. މިހާރު އެގޮތަށް ނުކުޅެވުނު ނަމަވެސް، އަހަރެމެން ރަނގަޅަށް ޑިފެންޑްކޮށް ލަނޑު އެބަ ޖަހަން، އެހެންވީމަ އަހަރެމެންނަށް މޮޅުވެވޭނެ."

މެޗާ ބެހޭގޮތުން ޑޯޓްމަންޑުގެ ކޯޗް ތޯމަސް ޓުޝެލް ބުނީ، ކުއާޓާ ފައިނަލެއްގައި މިފަދަ ނަތީޖާއެއް ނުކުމެދާނޭ ކަމަށާއި، އަދި ލިވަޕޫލްގެ ފަރާތުން ފެނިގެން ދިޔައީ ކުރިން ހީކުރިފަދަ ކުޅުމެއް ކަމަށެވެ.

"އަހަރެން ކުރިންވެސް ހަމަ ލަފާކުރި ފަދަ ކުޅުމެއް ލިވަޕޫލްގެ ފަރާތުން ފެނުނީ. އެކަމަކު އަހަރެމެންނަށް މިއަށްވުރެ ރަނގަޅަށް ޕާސިން ގޭމެއް ކުޅެވެން ޖެހޭނޭ ކަމަށް އަހަރެން އުންމީދުކުރީ،" ޑޯޓްމަންޑް ކޯޗު ބުންޏެވެ.

ޓުޝެލް ބުނީ، ލިވަޕޫލަށް އަވޭ ގޯލްގެ އެޑްވާންޓޭޖް އޮތް ނަމަވެސް އެކަމާ އެހާ ކަންބޮޑު ނުވާ ކަމަށާއި، ކުރިއަށް އޮތް ދެވަނަ ލެގު މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް ޑޯޓްމަންޑުގެ ކުޅުން އިތުރަށް ރަނގަޅު ކުރާން ޖެހޭ ކަމަށެވެ.

ޔުރޮޕާ ލީގުގެ ކުއާޓާގެ ދެވަނަ ލެގުގައި ލިވަޕޫލްގެ އެންފީލްޑްގައި އެޓީމާ ދެކޮޅަށް ޑޯޓްމަންޑު ކުޅޭ މެޗު އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސެވިއްޔާ ވަނީ ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ އަތުން 2-1 އިން މޮޅުވެފައެވެ. ޕޯޗްގަލްގެ ސްޕޯޓިން ބްރާގާއާ ދެކޮޅަށް އެޓީމުގެ ދަނޑުގައި ކުޅުނު މެޗުން ޔޫކްރޭންގެ ޝަކްތާ ޑޮނެސްޓްކް 1-2 އިން މޮޅުވި އިރު، ސްޕެއިންގެ ވިޔަރެއާލް ވަނީ އަމިއްލަ ދަނޑުގައި 2-1 ލަނޑުން ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާގް އަތުން މޮޅުވެފައެވެ.