ޔުނިވާސަލް ޕިކްޗާސްގެ އެންމެ ކާމިޔާބު އެއް ފިލްމު ފްރެންޗައިޒް، "ފާސްޓް އެންޑް ފިއުރިސް" ގެ ކުރިއަށް އޮތް ފިލްމުގައި، "މޭޑް މެކްސް: ފިއުރޯ ރޯޑް" ގެ ތަރި، ޝާލައިޒް ތިރޯން ފެނިގެންދާނެ ކަމަށް ކަށަވަރުވެއްޖެ އެވެ.

ފިލްމު، "ފާސްޓް އެންޑް ފިއުރިއަސް" ގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި އެ ފިލްމުގެ، އަށްވަނަ ފިލްމު، "ފާސްޓް 8" ގައި ތިރޯން ފެނިގެންދާނެ ކަން ވަނީ ހާމަކޮށް، އޭނާއަށް މަރުހަބާ ކިޔާފައެވެ.

ފިލްމު، "ފާސްޓް 8" ގައި ތިރޯން ފެނިގެންދާނީ ކޮން ރޯލަކުން ކަމެއް އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އޭނާ ފެނިގެންދާނީ ވިން ޑީސެލްއާއި ޑްވޭން ޖޯންސަން އަދި ޓައިރީސް ގިބްސަން ގެ އިތުރުން މިޝެލް ރޮޑްރިގޭޒް އަދި އެމީހުންގެ ޓީމާ ދެކޮޅަށް މަސައްކަތްކުރާ ވިލަންއެއްގެ ރޯލުންނެވެ.

ދެހާސް އެއްވަނަ އަހަރު ފެށި، "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ފިލްމުތަކަށް މިހާތަނަށް 3.8 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، އެންމެ ފަހުން ނެރުނު ފިލްމު، "ފިއުރިއަސް 7" އަށް އެކަނި ވެސް ވަނީ 1.5 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ.

"ފާސްޓް އެންޑް ފިއުރިއަސް" ގެ އަށް ވަނަ ފިލްމު ޑައިރެކްޓްކުރަނީ އެފް. ގޭރީ ގްރޭ އެވެ. އަދި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.