ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެމެރިކާގެ ސެނެޓުން ގަރާރެއް ފާސްކޮށްފި އެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަންސް ޕާޓީން ތާއީދު ލިބިގެން އިއްޔެ އެމެރިކާގެ ސެނެޓުގެ އިއްތިފާގުން ފާސްކުރި އެ ގަރާރުގައި ބުނެފައި ވަނީ، އިންސާފުވެރި ޝަރީއަތަކާނުލައި ނަޝީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށްދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

މީގެ އިތުރުން ނަޝީދަށް އިންސާފު ހޯދައިދިނުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅެއް އަޅައި ރާއްޖޭގައި ތިބި ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް އެ ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އެ ގަރާރު ސެނެޓަށް ހުށަހެޅުއްވީ ސެނެޓުގެ އެޕްރޮޕްރިއޭޝަންސް ސަބް ކޮމެޓީ އޮން ސްޓޭޓުގެ ރޭންކިން މެމްބަރު އަދި ފޮރިން އޮޕަރޭޝަންސް އެންޑް ރިލޭޓެޑް ޕްރޮގްރާމްސް ސެނެޓާ ޕެޓްރިކް ލީހީ އާއި ސެނެޓް އާމްޑް ސާވިސަސް ކޮމެޓީގެ ޗެއާމަން ސެނެޓާ ޖޯން މެކެއިން އެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ، ރާއްޖޭގައި މަދަނީ ހައްގުތަކަށް އަރައިގަތުން އިތުރުވެގެން ދިއުމުގެ ސަބަބުން، ރާއްޖެ ހިމެނޭ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާ ވަމުންދާ ކަމަށެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީއެމަނިކުފާނުގެމައިބަދައަށް ކުރިމަތިވެފައިވާ ސީރިއަސް މައްސަލަތަކަކަށްފަރުވާހޯއްދެވުމަށްކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގަ އެވެ. ނަމަވެސް ބޭސްފަރުވާ ކުރުމަށް އެމަނިކުފާނަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ މިދިޔަ ބުދަ ދުވަހު ރައީސް ނަޝީދަށް އަންގާފަ އެވެ.

ބޭސްފަރުވާ އަކަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.