03 May 2011, 13:58
ޑޮލަރާއި ތަކެތީގެ އަގުތައް ތިރިކުރުމަށް ކަމަށް ބުނެ ޒުވާނުން އިސްނަގައިގެން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑަތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަން ފަށައިފި އެވެ.
"ޑޮލަރުގެ އަގު ބޮޑުވެ، ތަކެތީގެ އަގު އުފުލި، ރައްޔިތުން ހަނާވަނީ" މިނަމުގައި ޒުވާނުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން އިސްވެ ތިބެ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މުޒާހަރާކުރަމުންދަނީ ގިނަ ފިހާރަތަކެއް ހުންނަ، ކާރޫބާރޫ ބޮޑު މަޖީދީމަގާއި ޗާނދަނީމަގު ގުޅުނު ކަންމަތީގަ އެވެ. ފާއިތުވި ތިން ރޭ ވެސް ވަނީ "ޒުވާނުންގެ މައިދާނު"ގެ ގޮތުގައި މިހާރު ސިފަކުރާ އެ ހިސާބުގައި ދަންވަންދެން މުޒާހަރާކޮށްފަ އެވެ.
އެ ސަރަހައްދުގައި ހުންނަ އަސްރަފީ ބުކްސޮޕްގެ ވެރިޔާ އާދަމް އިބްރާހިމް މިއަދު ވިދާޅުވީ، ވިޔަފާރި އެންމެ ރަނގަޅުވާ ގަޑީގައި މުޒާހަރާ ކުރުމުން އެ ބުކްޝޮޕްގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމަށާއި އަދި މުޒާހަރާތައް ވަރުގަދަވަމުން ދިޔުމުން މުދަލަށް ވެސް ގެއްލުން ލިބިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ މުދަލަށް ގެއްލުން ލިބިދާނެ ކަމުގެ ބިރަށް މި ތިބެނީ. އެކަމުން މި ވިޔަފާރިއަށާއި އެހެނިހެން ގޮތް ގޮތުން ގެއްލުންތައް އެބަވޭ،" އާދަމް ވިދާޅުވި އެވެ.
ވިޔަފާރި އެންމެ ރަނގަޅު ގަޑީގައި އެ ސަރަހައްދަށް ހާހުން މީހުން ޖަމާވެ ކުރަމުން އަންނަ ހަޅުތާލުތަކާ ގުޅޭ ގޮތުން ތަފާތު ބާވަތްތަކުގެ މުދާ އަގުހެޔޮކޮށް ވިއްކަމުން އަންނަ ހަގީގީ ބޮޑު ސޭލު ފިހާރައިގެ މެނޭޖަރު އަހުމަދު އިބްރާހިމް މިއަދު ވިދާޅުވީ، އެ ފިހާރައިގެ ސޭލްސް އަށް 70 ޕަސެންޓާއި 80 ޕަސެންޓާ ދެމެދުގެ ގެއްލުމެއް މުޒާހަރާ ކުރަން ފެށިފަހުން ލިބިފައިވާ ކަމަށާއި އެ ފިހާރައިގެ މުދަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގެއްލުންވޭ. ހުޅުވިތާ އަދި އަހަރެއް ވެސް ނުވާ ފިހާރައިގެ ނަންބޯޑު އެހެރީ ހަލާކުވެފައި. އަދި ބިއްލޫރިތަކުގައި ރެދުލާފައި އެހެރީ. އަދި ފުރާޅުމަތީގައި ގަލާއި ފުޅި ތޮށި އެހުރީ،" އަހުމަދު އިބްރާހިމް ބުންޏެވެ.
ތަކެތީގެ އަގުއުފުލުމާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ގިނަ ފިހާރަތަކަށް ތަފާތު ގެއްލުންތައްވެ، އެ ސަރަހައްދުގެ ދެތިން ފިހާރައެއްގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅައިގެންގޮސްފަ އެވެ. އަދި މީހުން އެއްވާ ގަޑީގައި ގިނަ ފިހާރަތަކެއް ބަންދުކުރަން މަޖުބޫރުވަމުން ވިޔަފާރި އަށް ވެސް ވަނީ ހީނަރުކަމެއް އަންނަން ފަށައިފަ އެވެ.
މީގެ އިތުރުން އެންމެ މަޖީދީ މަގުގައި އިށީނދެ އިހުތިޖާޖުކުރާ މީހުންގެ ސަބަބުން ޓްރެފިކް މައްސަލަތައް ބޮޑުވެ، ޓެކްސީ ދަތުރުކުރާ މީހުންނަށް ވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފަ އެވެ.
އެގޮތުން 5656 ޓެކްސީ ސެންޓަރުގެ ޑްރައިވަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، މަޖީދީ މަގުގެ އިތުރުން ގިނަ މަގުތަކެއް ޓްރެފިކް ޕޮލިހުން ބަންދުކުރުމާ ގުޅިގެން، ދަތުރުތައް ކުރަންޖެހޭ މަގު ދިގުވެ، އިތުރު ވަގުތު ބޭކާރުވާ ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ދަތުރުގެ އަދަދު މަދުވާ ކަމަށެވެ.
"މިދެރޭ މިއުޅެނީ ދަތުރެކޮށްނުލެވިގެން ހުރިހާ މަގުތަކެއް ބަންދުކޮށްފައި ހުރީމަ. ޓެކްސީއަށް ލާރި ނުލިބޭތީ ވެރިމީހާ ޖީބުން ނަގައިފަ ޓެކްސީއަށް ތެޔޮ އަޅަން ވެސް މިޖެހެނީ،" ޓެކްސީ ޑްރައިވަރު ބުންޏެވެ.
އަދި 1414 ޓެކްސީ ސެންޓަރުގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ބުނީ، ރޭގަނޑު އެއްގޮތަކަށްވެސް ޓެކްސީތަކަށް ހިދުމަތް ނުދެވޭ ކަމަށާއި ޓެކްސީ ޑްރައިވަރުންނަށް ގެއްލުމާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
"ރޭގަނޑު ހަމަ އެއްގޮތަކަށްވެސް ހިދުމަތެއް ނުދެވޭ. ޓެކްސީ ދުއްވަން ތިބެނީ ވެސް ރައްޔިތުން. އެމީހުން ކާންބޯންކުރާ މަސައްކަތްމިއީ. ޓެކްސީ ނުދުވެންޏާ ލާރިއެއް ވެސް ނުލިބޭނެ،" އެމީހާ ބުންޏެވެ.
ސުލްހަވެރި މުޒާހަރާތައް ކޮންމެ ރެއަކު ވަކި ހިސާބަކުން ނުރައްކާތެރިވެ، ވިޔަފާރިތަކަށް ގެއްލުންވާ ހިސާބަށް ދާތީ، ވިޔަފާރިވެރިން ވަނީ އެމީހުންގެ މުދަލަށް ރައްކާތެރިކަން ދިނުމަށް ފުލުހުންގެ ކިބައިން އެދިފައި އެވެ.
ފުލުހުން މިއަދު ބުނީ، ވިޔަފާރިވެރިންނަށް ބޮޑަތި ގެއްލުންތަކެއް ލިބެމުންދާކަން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން، އާޓިފިޝަލް ބީޗާއި ސުނާމީ ބިނާ ނޫން އެހެން ސަރަހައްދުތަކުގައި މުޒާހަރާ ކުރާ ނަމަ އިންޒާރެއް ދިނުމަކާއި ނުލައި ވަގުތުން މުޒާހަރާތައް ރޫޅާލާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.