08 Apr 2016, 13:20
އައްސޭރި ޖަލުގެ އިންޑަސްޓްރިއަލް ޒޯނުގައި ގައިދީންނަށް ނަމާދު ކުރާނެ ގެއަކާއި މެސް ރޫމެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.
އެމްސީއެސް އިން ބުނީ، އެތަނުގެ މަސައްކަތްކުރަމުން ދަނީ އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން ގުޅިގެން ކަމަށެވެ. އެގޮތުން އިމާރާތްތަކަށް ބޭނުންވާ ވެލި ނެގުމުގެ މަސައްކަތް ގައިދީން ކުރަމުން އަންނަ ކަމަށް އެ ސާވިސް އިން ބުނެއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ވެލި ނެގުމުގެ މަސައްކަތް ކުރަނީ އެރަށު ކައުންސިލުން ހުއްދަ ދީފައިވާ ސަރަހައްދުގައި ފީނައިގެންނެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު ހަސަން އަލީ ވިދާޅުވީ، އެ އިމާރާތްތަކުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި މަސައްކަތުގައި ޖަލުގެ 15 ވަރަކަށް ގައިދީން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެމްސީއެސް އިން ބުނީ، އެ އިމާރާތްތަކުގެ ސަބަބުން ގައިދީންނަށާއި އެތަނުގައި މަސައްކަތްކުރާ އޮފިސަރުންނަށް ވަގުތު ސަލާމަތްކުރެވި، މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުކުރެވިގެންދާނެ ކަމަށެވެ.
ނަމާދުގެ އަކާއި މެސް ރޫމެއްގެ އިތުރުން، ޖަލުގައި ގައިދީންނަށް ހިންގާ ކޯސްތައް ހިންގުމަށް ކުލާސް ރޫމަކާއި ގައިދީންނަށް އެކަހެރި ގެއެއްވެސް ދަނީ އިމާރާތްކުރަމުންނެވެ.