ކަބީރް ޚާންގެ އެންމެ ފަހުން ނެރޭ ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަލްމާން ޚާނާއި ދީޕިކާ ޕަދުކޯން އެކުގައި ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސަލްމާންގެ ގާތް ފަރާތަކުން ބޮލީވުޑްލައިފް އަށް ބުނިގޮތުގައި، ސަލްމާނާއި ދީޕިކާ ފެނިގެންދާނީ ލޯބީގެ ފިލްމެއްގެ ބަދަލުގައި އެކްޝަން ތްރިލާއަކުންނެވެ.

"ސުލްތާން އަށްފަހު ސަލްމާން ކުޅޭ ފިލްމަށް އޭނާ ވަނީ ސޮއިކޮށްފަ އަދި އެ ފިލްމުގައި އޭނާ ފެނިގެންދާނީ ދީޕިކާއާއެކު،" ބޮލީވުޑްލައިފްއަށް މައުލޫމާތު ދިން ސަލްމާންގެ ގާތްފަރާތަކުން ބުންޏެވެ.

އެ ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހު ކަމަށްވެ އެވެ. އަދި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އީދާ ގުޅުވައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފިލްމު، "ބަޖިރާއޯ މަސްތާނީ" އަށްފަހު ބޮލީވުޑް ފިލްމެއް ކުޅެން ސޮއިކޮށްފައިނުވާ ދީޕިކާ ޕަދުކޯން މިހާރު އަވަދިނެތި އުޅެނީ އޭނާ ކުޅޭ ފުރަތަމަ ހޮލީވުޑް ފިލްމު، "3 އެކްސް: ދަ ރިޓާންސް އޮފް ޒެންޑާ ކޭޖް" ގެ ޝޫޓިންތަކުގައެވެ. ވިން ޑީސަލްއާއެކު ފެނިގެންދާ އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.

އަނެއްކޮޅުން ސަލްމާން މިދުވަސްކޮޅު ބުރަކޮށް އުޅެނީ، އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމު، "ސުލްތާން" ގެ ޝޫޓިންތަކުގައެވެ.

ކަބީރުގެ ކުރިއަށް އޮތް ފިލްމު ވެގެންދާނީ ކަބީރާއި ސަލްމާން އެކުގައި މަސައްކަތްކުރާ ތިން ވަނަ ފިލްމަށެވެ. މީގެ ކުރިން އެ ދެ މީހުން މަސައްކަތްކޮށްފައިވާ ދެ ފިލްމު ކަމަށްވާ، "އެކް ތާ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ވަނީ އެތައް ބައެއްގެ މަގްބޫލުކަން ހޯދާފައެވެ.